އެމްއެންޔޫ ދެވަނަ ޓާމަށް ޖުލައި 30 ގެ ނިޔަލަށް ކުރިމަތިލެވޭނެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 2026 ވަނަ އަހަރުގެ އޮގަސްޓް މަހު ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ޓާމުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކޯސްތަކަށް އެދި ހުށަހެޅުމުގެ މުއްދަތަކީ މި ހިނގާ މޭ މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. އެޕްލައިކުރެވެނީ ޔުނިވަރސިޓީގެ ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށް އޮންލައިންކޮށެވެ.
ކޯސްތަކަށް އެޕްލައިކުރާ އިރު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަން ޖެހޭނީ އެއް ފައިލެއްގެ ގޮތުގައި، ކިޔަން ސާފުވާ ގޮތަށް ޕީޑީއެފް ފޯމެޓުގައި ސްކޭންކޮށްފައެވެ. ކޯސްތަކާ ބެހޭ ތަފްޞީލީ މަޢުލޫމާތު courses.mnu.edu.mv އިން ލިބެން ހުންނާނެއެވެ.
އެޑްވާންސްޑް ސެޓިފިކެޓް އިން ނަރސިން އާއި ބެޗެލާ އޮފް ނަރސިން އަދި ބެޗެލާ އޮފް ފިޒިއޮތެރަޕީ ކޯސްތަކަށް ހޮވުނު ކަމުގެ ލިޔުން ދޫކުރާނީ ޖުލައި 30 ގެ ފަހުންނެވެ.