ޕީސީ އިން ސީދާ އޭއައި ރަން ކުރެވޭ ޗިޕެއް އެންވީޑިއާ އިން ތައާރަފުކޮށްފި
ކްލައުޑް ކޮމްޕިއުޓިން އަށް ބަރޯސާ ނުވެ، ސީދާ ލެޕްޓޮޕާއި ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކުގައި އާޓިފިޝަލް އިންޓެލިޖެންސް ރަން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާ ޗިޕެއް, "އާރުޓީއެކްސް ސްޕާކް"ގެ ނަމުގައި އެންވީޑިއާ އިން ހޯމަ ދުވަހު ތައާރަފުކޮށްފިއެވެ.
ޓައިވާނުގައި ބާއްވާ ކޮމްޕިއުޓެކްސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ބުނީ މައިކްރޮސޮފްޓާ އެކު ތިން އަހަރު ގުޅިގެން މަސައްކަތް ކޮށް، ޓައިވާނުގެ މީޑިއާޓެކް އާ ގުޅިގެން ތަރައްޤީކުރި މި ޗިޕަކީ "ޕީސީ އަލުން އީޖާދުކުރުމުގެ" މަސައްކަތުގެ ބައެއް ކަމަށެވެ. މި ޗިޕް މި އަހަރުގެ ފަހުކޮޅު ލިބެން ފަށާނެއެވެ.
ކައުންޓާޕޮއިންޓް ރިސާޗްގެ ކޯ-ފައުންޑާ ނީލް ޝާހް ބުނީ އައިފޯނާއި ޗެޓްޖީޕީޓީ އަދި ޑީޕްސީކް ފަދައިން، ޕާސަނަލް ކޮމްޕިއުޓިން ދާއިރާ ބަދަލުކޮށްލާނެ ވަގުތު މިއީ ކަމަށެވެ.
ހުއާންގް ވަނީ ހަމަ އެ ހަފުލާގައި "ވެރާ" ނަމުގައި އާ ސީޕީޔޫ އެއް ވެސް ތައާރަފުކޮށްފައެވެ. އެ ސީޕީޔޫ ގެ ފުރަތަމަ ބޭނުންކުރާ ފަރާތްތަކުގެ ތެރޭގައި އޯޕަންއޭއައި، އެންތްރޮޕިކް އަދި ސްޕޭސްއެކްސް ހިމެނެއެވެ. މެއި މަހު ބޭއްވި އާނިންގްސް ކޯލެއްގައި ހުއާންގް ބުނީ ވެރާ ސީޕީޔޫ އާ އެކު 200 ބިލިއަން ޑޮލަރުގެ އާ ބާޒާރަކަށް ވަދެވޭނެ ކަމަށެވެ.
އޭއައި ސަބަބުން ސޮފްޓްވެއާ އިންޖިނިއަރުންގެ ވަޒީފާ މަދުވާނެ ކަމުގެ ކަންބޮޑުވުންތަކަށް ރައްދު ދެމުން ހުއާންގް ބުނީ އެއީ މުޅިން ބޭކާރު ވާހަކައެއް ކަމަށާއި، އޭއައި ސަބަބުން ސޮފްޓްވެއާ އިންޖިނިއަރުން ހޯދާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. ޓައިވާނުގެ ތައިނާނުގައި އުފަންވި ހުއާންގް ވަނީ ޓައިވާނުގައި އަހަރަކު 150 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވެސް އިޢުލާނުކޮށްފައެވެ.