Advertisement

މަޖިލީހުގެ ނައިބު ރައީސް ކަމަށް ބޮޑު އަޣުލަބިއްޔަތަކުން ސަލީމް އިންތިޚާބުކޮށްފި

01 Jun 2026 | 10:06
އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް (ރެޑްވޭވް ސަލީމް) - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ބޮޑު އަޣުލަބިއްޔަތަކުން މިއަދު އިންތިޚާބުކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި ސަލީމަށް 62 ވޯޓު ލިބުނުއިރު، އެ މަގާމަށް ވާދަކުރެއްވި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ލިބުނީ 10 ވޯޓެވެ. ބާތިލް ދެ ވޯޓު ނުހިމަނާ، ޖުމްލަ 72 ވޯޓު ލިބުނެވެ.

Advertisement

މި މަގާމަށް ޕީއެންސީން ހުށަހެޅީ ސަލީމްގެ ނަން ކަމަށްވާއިރު، އިދިކޮޅު އެމްޑީޕީން ހުށަހެޅީ ޒިޔާދުގެ ނަމެވެ. ސަލީމްގެ ނަން ހުށަހެޅީ ސަރުކާރު ހިންގާ ޕާޓީ އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުން ސޮއިކުރައްވައެވެ.

މި މަގާމު ހުސްވީ، މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުންނެވި އަހުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ޕީއެންސީގެ މެންބަރުން ހުށަހަޅާފައި ވަނިކޮށް، އިއްޔެ އޭނާ އިސްތިއުފާ ދެއްވުމުންނެވެ.

ނައިބު ރައީސް ކަމަށް ދެން ގެންނާނެ ބޭފުޅަކާ މެދު ޕީއެންސީގެ އެތެރޭގައި ބޮޑެތި މަޝްވަރާތަކެއް ހިނގިއެވެ. އެގޮތުން އެ މަގާމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ އިތުރުން، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އަދި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުގެ ޝައުގުވެރިކަން އޮތް ކަމަށް އަޑުފެތުރުނެވެ. ނަމަވެސް ޕީއެންސީގެ މެންބަރުންގެ މެދުގައި ރޭ އެއްބަސްވެވުނީ ސަލީމްގެ ނަން ހުށަހަޅާށެވެ.

ނައިބު ރައީސް ހޮވުމުގެ އިންތިޚާބުގެ ކަންކަން މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔައީ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ހިމެނެނީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

Advertisement

ކޮމެންޓް