އެންސްޕާގެ މެޑިކަލް ވެލްފެއާ ސްކީމް މާދަމާއިން ފެށިގެން އާސަންދައިގެ ދަށަށް
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހިންގަމުން އައި މެޑިކަލް ވެލްފެއާ ސްކީމްގެ ޚިދުމަތްތައް މާދަމާ، އެކެއް ޖޫން 2026 އިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކުރަން ނިންމައިފިއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު އިޢުލާނުގައި ބުނެފައި ވަނީ، މި ބަދަލާ އެކު އެންސްޕާއިން ދެމުން ގެންދިޔަ 16 ޚިދުމަތެއް އާސަންދައިގެ ދަށަށް ބަދަލުވާނެ ކަމަށެވެ. އޭގެ ތެރޭގައި ގޯޝަން ބަލީގެ ބޭސް ފޯރުކޮށްދިނުމާއި، ކެންސަރު ބޭސް ފޯރުކޮށްދިނުމާއި، ރާއްޖެއިން ނުލިބޭ ބޭސް ހޯދައިދިނުމާއި، ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުމާއި، ތެލެސީމިއާ ކުދިންގެ ބޯންމެރޯ ފޮލޯއަޕާއި، ފަރުވާއަށް ބޭނުންވާ އެސިސްޓިވް ޑިވައިސް ފޯރުކޮށްދިނުމާއި، މެރަނަ ސްކީމްގެ ކަވަރޭޖް ބޮޑުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ޞިއްޙީ ކަންކަމަށް ދެވޭ އެހީ އާއި، އާސަންދައިން ކަވަރު ނުކުރާ ޓެސްޓްތަކާއި ތަޙުލީލުތަކަށް ދެވޭ އެހީ އާއި، އަމިއްލަ ޚަރަދުގައި ބޭރަށް ފަރުވާ ކުރުމަށް ދިއުމަށް ފަހު ދިމާވާ ދަތިތަކާ ގުޅިގެން ދެވޭ އެހީ ވެސް މި ބަދަލާ އެކު އާސަންދައިގެ ދަށަށް ބަދަލުވާނެއެވެ.
މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 1400 އަދި 1402 ނަންބަރަށް ގުޅުއްވުމަށް ވުޒާރާއިން އެދިފައިވެއެވެ.