ނައިބުރައީސް ކަމަށް ކުރިމައްޗެއް ނުލަން: ފަލާހް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވުމުގެ ވިސްނުމެއް ނެތް ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަޙްމަދު ނާޒިމް މިއަދު އިސްތިއުފާ ދެއްވާފައި ވަނީ، ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި އޭނާގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ހުށަހެޅުއްވާފައި ވަނިކޮށެވެ. ނާޒިމް ދުރުކުރަން ނިންމެވީ މަގާމުގެ ނުފޫޒު ބޭނުންކޮށް ނާޖާއިޒު ފައިދާ ނެގުމާއި، މަޖިލީހުގެ މަސްލަޙަތު ނަގައިލަން ހިތްވަރު ދެއްވާ ކަމުގެ ތުހުމަތުގައެވެ.
ތުހުމަތުތައް ދޮގުކުރައްވައި ނާޒިމް ނެރުއްވި ބަޔާނުގައި ވިދާޅުވީ، މަގާމު އަދާކުރައްވާފައި ވާނީ ޤާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަމަށެވެ. ނަމަވެސް އެ މަގާމަށް ވޯޓުލެއްވި އެންމެ ބޭފުޅުންހެން ދުރުވުމަށް އެދިވަޑައިގަތުމުން، ޑިމޮކްރެސީގެ ހަމައިން ތަހުޒީބީ ގޮތަކީ އެކަމަށް އިޖާބަ ދެއްވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ބަޔާނުގައިވެއެވެ.
ނައިބު ރައީސް ކަމުގެ ރޭހުގައި ދެން ކުރީގައި އުޅުއްވާ ކަމަށް ބެލެވެނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އާއި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިޤް (ޓޮމް) އެވެ. ޝުޖާޢު ވިދާޅުވީ ވާދަކުރެއްވުމާ މެދު އަދި ގޮތެއް ނުނިންމަވާ ކަމަށެވެ. ތޯރިޤްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ނައިބު ރައީސަކު ހޮއްވެވުމަށް މިއަދު މެންދުރު 1:00 އަށް ތާވަލުކުރެއްވި ޖަލްސާ ވަނީ މާދަމާއަށް ފަސްކުރައްވައިފައެވެ. ޕީއެންސީ ތެރޭގައި ގެންނަވާނެ ބޭފުޅަކާ މެދު ގޮތެއް ނުނިމޭތީ ޖަލްސާ ފަސްކުރެއްވީ ކަމަށް ދުވަހަށް އެނގިފައިވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް މިހާތަނަށް މިކަމުގައި ޕާޓީއަށް އިރުޝާދެއް ދެއްވާފައެއް ނުވެއެވެ.