ނައިބުރައީސް ކަމުން ނާޒިމް ވަކިކުރާ މައްސަލަ - އެއް ތުހުމަތަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވަކިކުރަން ޕީއެންސީގެ މެންބަރުން ހުށަހެޅީ، މަޖިލީހުގެ މަސްލަޙަތު ނަގައިލުން ހިމެނޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެވޭތީ ކަމަށް އޭނާ ވަކިކުރުމަށް ހުށަހެޅި ޤަރާރުގައި ބުނެފިއެވެ.
ނާޒިމްގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ 73 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅި ޤަރާރުގައި ބުނެފައި ވާ ގޮތުން، އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ތުހުމަތެވެ. ދެ ވަނަ ތުހުމަތަކީ، މަޖިލީހުގެ މަސްލަޙަތު ނަގައިލުމަށް ހިތްވަރު ދީ، ޒިންމާ އިން ބަރީއަ ވުމެވެ.
"މަޖިލީހުގެ ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް މި ހުށަހަޅަނީ، އެ މަނިކުފާނުގެ މަޤާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި ވަކި ފަރާތަކަށް ބުރަވެ، މަސްލަޙަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުންދާތީ އާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެ ހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތަޢައްޞުބުވެފައި ވުމުގެ އިތުރުން، މަޖިލީހުގެ މަސްލަޙަތު ގެއްލުވައި ލުމަށް ނައިބު ރައީސް ހިތްވަރު ދީ ޒިންމާ އިން ބަރީއަ ވެފައި ވާތީ..." ޤަރާރުގައި ބުނެފައި ވެއެވެ.
ޤަރާރުގައި ބުނެފައި ވަނީ، މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައި ވާ ކަން "ސާފުވާން އޮތަތީ"، ހުރިހާ މެންބަރުންގެ ޙައްޤުތަކާއި އިމްތިޔާޒުތައް ޙިމާޔަތްކޮށްދިނުމުގައި ނާޒިމް ފުޅާ ދާއިރާ އެއްގައި އިހުމާލުވެފައި ވާ ކަމަށެވެ. ނާޒިމް އެ ގޮތަށް ޢަމަލު ކުރައްވާތީ، މެންބަރުންނާ މަތިކޮށްފައި ވާ ވާޖިބުތައް އަދާ ކުރުމުގައި "ނައިބު ރައީސް ހުރަހަކަށް ވެފައި ވާ" ކަމަށް ޤަރާރުގައި ބުނެފައި ވެއެވެ.
ނާޒިމް މަޤާމުން ވަކިކުރުމަށް ހުށަހަޅަން ނިންމީ، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. މަޖިލީހުގެ ޤަވާޢިދުގައި ވާ ގޮތުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރު ހުށަހެޅޭނީ، މަޖިލީހުގެ ހަތަރުބައި ކުޅަ އެއް ބަޔަށް ވުރެ މަދު ނޫން ޢަދަދެއްގެ މެންބަރުންގެ ސޮޔާ އެކުގައެވެ. ނަމަވެސް ވަކިކުރެވޭނީ، މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާ އިރު، ޕީއެންސީގެ މެންބަރުންގެ ޢަދަދަކީ 76 އެވެ. އެހެންވެ، ނާޒިމް މަޤާމުން ވަކިކުރެވޭ މިންވަރަށް ޕީއެންސީގެ މެންބަރުން މަޖިލީހުގައި އެބަ ތިއްބެވިއެވެ. ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމާ އެކު، އެ ގުރޫޕުގެ ވަޓްސްއެޕް ގުރޫޕުން ވެސް ނާޒިމް އިއްޔެ ހެނދުނު ވަނީ ބޭރުކޮށްފައެވެ.