Advertisement

މި އަހަރު 1.5 މިލިއަން ޙައްޖުވެރިން ދާނެ ކަމަށް ބެލެވޭ - މިހާތަނަށް ދިޔަ ޙައްޖުވެރީންގެ އަދަދު މިލިޔަނަކާ ގާތަށް

14 May 2026 | 13:21
ސައުދީ މީޑިއާ މިނިސްޓަރު -

ސަޢުދީ ޢަރަބިއްޔާގެ ފަސް ވުޒާރާއަކުން ގުޅިގެން މި އަހަރުގެ ޙައްޖު މޫސުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ. ބޭރު ޤައުމުތަކުން 1.5 މިލިއަން ޙާޖީން ވަޑައިގަންނަވާނެ ކަމަށް ލަފާކުރެވޭ އިރު، މިހާތަނަށް 860,000 އަށް ވުރެ ގިނަ ޙާޖީން ސަޢުދީ އަށް ދަތުރުކޮށްފައިވާކަމަށް ޙައްޖާއި ޢުމްރާ ވަޒީރު ތައުފީޤު އައް-ރަބީޢާ ވިދާޅުވިއެވެ.

ރިޔާޛުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މީޑިއާ ވަޒީރު ސަލްމާން އައް-ދޮސަރީ ވިދާޅުވީ ޙައްޖުގެ ނިޒާމް ހިންގަނީ ޒަމާނީ ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށް މީހުންގެ ހަރަކާތާއި ތޮއްޖެހުން ދިރާސާކޮށް ތައްޔާރުކޮށްފައިވާ ތަފްޞީލީ ޕްލޭންތަކެއްގެ ތެރެއިން ކަމަށެވެ.

Advertisement

ޞިއްޙީ ދާއިރާ އިން ވަނީ ފެންވަރު ރަނގަޅު ތައްޔާރީތަކެއް ވެފައެވެ. ޞިއްޙީ ވަޒީރު ފަހަދު އަލް-ޖަލާޖިލް ވިދާޅުވީ 20,000 ހޮސްޕިޓަލް އެނދު ކަނޑައެޅާފައިވާ ކަމަށާއި، އޭގެ ތެރެއިން 3,800 އެނދު ހުރީ މުޤައްދަސް ބިންތަކުގައި ކަމަށެވެ. 25 އާޖެންޓް ކެއާ ސެންޓަރާއި، 3,000 އެމްބިއުލެންސާއި، 11 އެއާ އެމްބިއުލެންސާއި، 7,700 ޕެރަމެޑިކުންނާއި، 52,000 އަށް ވުރެ ގިނަ ޞިއްޙީ ޚާދިމުން ތައްޔާރަށް ތިބި ކަމަށް ވިދާޅުވިއެވެ. ބޭސް އުފުލުމަށް ޑްރޯން ބޭނުންކުރާ ކަމަށާއި، ސްމާޓް ގަޑި ބޭނުންކޮށް ޙާޖީންގެ ޞިއްޙީ ހާލަތު ރިމޯޓުކޮށް މޮނިޓަރ ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

ދަތުރުފަތުރާ ބެހޭ ވަޒީރު ޞާލިޙް އަލް-ޖައްސިރު ވިދާޅުވީ ހަ އެއާޕޯޓެއް މެދުވެރިކޮށް ދުނިޔޭގެ 300 އަށް ވުރެ ގިނަ އެއާޕޯޓާ ގުޅައި، 104 އެއާލައިނެއް މެދުވެރިކޮށް ތިން މިލިއަނަށް ވުރެ ގިނަ ސީޓް ހަމަޖައްސާފައިވާ ކަމަށެވެ. މުޤައްދަސް ބިންތަކުގެ މަގު ނެޓްވާކްގެ 6,000 ކިލޯމީޓަރު މަރާމާތުކޮށް، 3,000 ބަހުގެ އިތުރުން 5,000 ޝަޓަލް ބަސް ޚިދުމަތް ދެމުން ގެންދާ ކަމަށެވެ. މުޤައްދަސް ބިންތަކުގެ ރޭލުން ގަޑިއަކު 72,000 ޙާޖީން އުފުލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ޙައްޖާއި ޢުމްރާ ވަޒީރު ވިދާޅުވީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އަށް ވަނަ އަހަރު، 16 ޤައުމެއް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ކަމަށެވެ. ނުސުކް ކާޑު ހުރިހާ ޙާޖީންނަށް ހަވާލުކޮށް، "ލަގެޖް ނެތި ޙައްޖު" ޕްރޮގްރާމް ހުރިހާ ބައިނަލްއަޤުވާމީ ޙާޖީންނަށް ފުޅާކޮށްފައިވާ ކަމަށެވެ. ނުސުކް އެޕް 51 މިލިއަން ޔޫޒަރުންނަށް ޚިދުމަތް ދެމުން ގެންދާ ކަމަށާއި، ޢަރަފާތު ޚުޠުބާ 50 ބަހަށް ތަރުޖަމާކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މުގައްދަސް ބިންތައް ފެހި ކުރުމުގެ މަޝްރޫޢުގެ ދަށުން 60,000 އަށް ވުރެ ގިނަ ގަސް އިންދައި، 6,000 މިސްޓިންގް ކޮލަމް ބޭނުންކޮށް ފިނިކުރުމުގެ ނިޒާމް ހިންގަމުން ގެންދާ ކަމަށް ވިދާޅުވިއެވެ. ރޯޔަލް ކޮމިޝަން ފޯ މައްކާ ސިޓީ އެންޑް ހޮލީ ސައިޓްސް އިން 25 އަށް ވުރެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިންގާފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރާ އަޅައި ބަލާ އިރު 100 އިންސައްތައިގެ އިތުރުވުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް