Advertisement

އަމިއްލަ ގޮތުން އިންތިޚާބުވެ ޕީއެންސީ އާ ގުޅުނު މެންބަރުންގެ މައްސަލަ ކޯޓަށް ވެއްދަނީ

13 May 2026 | 21:07
-

އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު ވެރިކަން ކުރާ ޕީއެންސީ އަށް ބަދަލުވި މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަން ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ކުރީގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ޙުސައިން ވިދާޅުވީ، މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިފައި ވާ ހައެއްކަ މެންބަރުން އެބަ ތިއްބެވި ކަމަށާއި، ޖުމްލަ އަށް މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފައްޓަވައިފައި ވާ ކަމަށެވެ.

Advertisement

މި މަސައްކަތް ޢަލީ ޙުސައިން ފެއްޓެވީ، އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ޤާނޫނުއަސާސީ އަށް މަޖިލީހުން ގެނައި އިޞްލާޙު ބާޠިލު ކުރުމަށް އޭނާ ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމް ނިމި ދިޔަ ގޮތުންނެވެ. އެ މައްސަލައިގައި އޭނާ އެދުނީ، މިހާރުގެ މަޖިލިސް މެންބަރުންނަށް އެ އިޞްލާޙު ނުހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ، ފްލޯ ކްރޮސިން މަނާ ކުރުމުގެ އިޞްލާޙު މިހާރު ހިނގަމުންދާ މަޖިލީހުގެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށާއި، އެ އިޞްލާޙު މިހާރުގެ މެންބަރުންގެ މައްޗަށް ހިންގުމުގައި ޤާނޫނާ ޚިލާފު ކަމެއް ނެތް ކަމަށެވެ.

އަމިއްލަ ގޮތުން މަޖިލީހަށް އިންތިޚާބުވުމަށް ފަހު ޕީއެންސީ އާ ގުޅުނު މެންބަރުންގެ ގޮތުގައި ޢަލީ ޙުސައިން ހިމަނުއްވާފައި ވަނީ ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމް، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސަން އަޙްމަދު، ތިމަރަފުށި ދާއިރާގެ މެންބަރު އަޙްމަދު ރިޔާޟް، ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް، ނައިފަރު ދާއިރާގެ މެންބަރު ޔާސީން ޢަބްދުﷲ، ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް ޢަބްދުލްޢަޒީޒު، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އެވެ.

Advertisement

ކޮމެންޓް
ދޮންދުބުރިމާ
މިކަލޭގެ އަތަށް ގޮވަނީ ހުރިހާ ކަމެއްވެސް އަނެއްކާ އަނެއް ލަދުވެތި ކަމާ ކުރިމަތި ލާން ތިޔަ އުޅެނީ
13 May 2026