Advertisement

ޑައިމޯފިން ޓްރެފިކް ކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމަކާއި ލައްކައިގެ ޖޫރިމަނާއެއް

13 May 2026 | 18:23
-

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ ދެ މީހަކު 25 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއި އެކު، އެއް ލައްކަ ރުފިޔާގެ ޖޫރިމަނާ ދެއްކުމަށް ކޯޓުން ހުކުމް ކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.

މި ދެ މީހުންގެ މައްޗަށް ވެސް ހުކުމް ކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށާއި، ދައުވާ ކޮށްފައި ވަނީ ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

Advertisement

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށާއި ކެނެބިސް ބޭނުން ކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ، ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ) ގެ މައްޗަށެވެ. ޓްރެފިކް ކުރުމުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 25 އަހަރަށް ޖަލަށް ލުމާއި އެކު އެއް ލައްކަ ރުފިޔާގެ ޖޫރިމަނާ، އަދި ކެނެބިސް ބޭނުން ކުރުމުގެ ކުށަށް ތިން އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު ޢަދަބަކީ 27 އަހަރާއި 11 މަހާއި ފަސް ދުވަސް ކަމަށް ކޯޓުން ކަނޑައަޅައިފައި ވެއެވެ. އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައި ވަނީ 2024 މެއި 7 ވަނަ ދުވަހުއެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ދެ ވަނަ މީހަކީ ވެސް ނ. ވެލިދޫ އަށް ނިސްބަތްވާ ޙުސައިން އިބްރާހީމް (39އ)، ހެޕީ ގާރޑްން އެވެ. އޭނާގެ މައްޗަށް 25 އަހަރަށް ޖަލަށް ލުމާއި އެކު އެއް ލައްކަ ރުފިޔާގެ ޖޫރިމަނާ ދެއްކުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު ޢަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަސް ކަމަށް ކޯޓުން ކަނޑައަޅައިފައި ވެއެވެ. ޙުސައިން އިބްރާހީމް ހައްޔަރުކޮށްފައި ވަނީ 2022 އެޕްރީލް 11 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޚާއްޞަ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް