ފުރަތަމަ ލިބުނީ "ރިޖެކްޓް" މެސެޖު ދެން ލިބުނީ "އެކްސެޕްޓެޑް" މެސެޖު — ޕާކިސްތާނުގެ ޞަފްދަރު ޚާންގެ ޙައްޖު ވާހަކަވެސް ވަރަށް ތަފާތު
ޕާކިސްތާނުގެ ރާވަލްޕިންޑީ އަށް ނިސްބަތްވާ 66 އަހަރުގެ ޞަފްދަރު ޚާން، 10 އަހަރު ވާންދެން ޙައްޖަށް ދާން މަސައްކަތް ކޮށް، ކޮންމެ ފަހަރަކު ކޮންމެވެސް ހުރަހެއް ކުރިމަތިވެ، އެންމެ ފަހުން މި އަހަރު ޕާކިސްތާނު ސަރުކާރު ކޯޓާގެ އެންމެ ފަހު ޙާޖީގެ ގޮތުގައި ހޮވިއްޖެއެވެ.
ޞަފްދަރު ޙައްޖަށް ފުރަތަމަ ހުށަހެޅީ 2016 ގައެވެ. ކޮމްޕިއުޓަރު ގުރުއަތުން ނުހޮވުނީއެވެ. 2017 ގައި ވެސް ހަމަ އެ ޖަވާބެވެ. 2018 ގައި ނުހޮވުނެވެ. ތިން އަހަރު ނާކާމިޔާބު ވުމަށް ފަހު 2019 ގައި އެންމެ ފަހުން ހޮވުނީއެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ސަޢުދީ ޢަރަބިއްޔާ އިން ޙައްޖުވެރިންގެ ޢަދަދު ވަރަށް ބޮޑަށް މަދުކުރީއެވެ. ޕާކިސްތާނުން ޞަފްދަރު ހިމެނޭ ގޮތަށް އެތައް ހާސް ޙާޖީންނަށް ފައިސާ ރައްދުކުރީއެވެ.
ކޮވިޑް ފަހުން ދިރިއުޅުން އިތުރަށް ދަތިވީއެވެ. ވަޒީފާ އިން ރިޓައާ ވީއެވެ. އަނބިމީހާ ނިޔާވީއެވެ. ޙައްޖުގެ ޚަރަދަށް ބޭނުންވާ 1.2 މިލިއަން ރުޕީސް ($4,304) ހޯދާނެ ގޮތެއް ނެތީއެވެ. "މި އަހަރު ވެސް ސުންގަޑި ކަމަށްވާ އޮގަސްޓް 18 އަށް ފައިސާ ހަމަ ނުޖެހުނީ" ކަމަށް ޞަފްދަރު ބުންޏެވެ.
ނަމަވެސް ހިތްވަރު ދޫނުކޮށް ފެބްރުއަރީ ގައި ހާޑްޝިޕް ކޯޓާ އަށް އޭނާ ހުށަހެޅިއެވެ. "ހުށަހެޅި ދުވަހު ލިބުނީ ރިޖެކްޓް މެސެޖެއް، މި އަހަރުގެ ޙައްޖަށް ލަސްވެއްޖެ ކަމަށް" ޞަފްދަރު ކިޔައިދިނެވެ. "ނަމަވެސް ޖެހިގެން އައި ދުވަހު މެސެޖަކާއި ސިޓީއެއް ލިބުނީ، ޤަބޫލުކޮށްފީމޭ، އަވަހަށް އިންތިޒާމުތައް ހަމަޖައްސާށޭ." ހެވިފައި ހުރެ ކިޔާދިނެވެ.
އެހެން ނަމަވެސް ގޮންޖެހުންތައް ނުނިމެއެވެ. ފުރަތަމަ ކަރާޗީ އިން ފުރަން ޖެހުނީއެވެ، ރާވަލްޕިންޑީ އާ 1,100 ކިލޯމީޓަރު ދުރުންނެވެ. މައްކާ އަށް ދެވޭ ނަމަ އެ ދަތުރު ވެސް ޤަބޫލު ކުރަން ތައްޔާރަށް ހުއްޓައި، އިސްލާމާބާދުން ޖާގައެއް ހުސްވި ޚަބަރު ލިބުނީއެވެ.
ޞަފްދަރުގެ ޙައްޖު ޚަރަދު ހަމަޖައްސައިދިނީ ރައްޓެހިންނާއި ގާތް ތިމާގެ މީހުންނެވެ. ޕާކިސްތާނުން މި އަހަރު 179,210 ޙާޖީން ފޮނުވާ އިރު، ސަރުކާރު ކޯޓާގެ ދަށުން 119,210 ޙާޖީން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.