Advertisement

ގެރި ވިއްކައިގެން 103 އަހަރުގައި ޙައްޖަށް — މަރްދިޖިޔޯނޯގެ ހިތްގައިމު ވާހަކަ

06 May 2026 | 19:45
-

އިންޑޮނީޝިޔާގެ ޔޮގްޔަކާޓާގެ ބަންތޫލް އަށް ނިސްބަތްވާ 103 އަހަރުގެ ދަނޑުވެރިޔާ މަރްދިޖިޔޯނޯ ކާޓޯ ސެންޓޯނޯ، ގެންގުޅުނު ގެރިތައް ވިއްކައިގެން ޙައްޖުގެ ޚަރަދު ހަމަޖައްސައި، މި އަހަރުގެ ފުރަތަމަ ބުރުގައި މަދީނާ އަށް ދަތުރުކޮށްފިއެވެ. މިއީ މި އަހަރު އިންޑޮނީޝިޔާ އިން ޙައްޖަށް ދާ އެންމެ ދުވަސްވީ ޖަމާޢަތުގެ މީހާއެވެ.

1923 ގައި އުފަންވި މަރްދިޖިޔޯނޯ ޙައްޖަށް ދާ ހިތުން ހުންނަތާ އެތައް ޒަމާނެކެވެ. ދެވަނަ ދަރިފުޅު ވާޖިޔެމް (64) ކިޔައިދިން ގޮތުގައި ބައްޕަ އަބަދުވެސް ޙައްޖަށް ދެވޭތޯ ދުޢާ ކުރެއެވެ. މަރްދިޖިޔޯނޯގެ އަނބިމީހާވެސް ވީ އެންމެ އަވަހަކަށް ޙައްޖަށް ރަޖިސްޓްރީ ކުރުމަށް އެދި ބާރު އަޅަމުން ގެންދިޔަކަމަށްވެއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ފަހުކޮޅު އަނބިމީހާ މަރުވިއެވެ. އެ ހިސާބުން ޙައްޖަށް ދިއުމަކީ އަނބިމީހާގެ ފަރާތުން ލިބުނު އަމާނާތެއް ކަމުގައި މަރްދިޖިޔޯނޯ ދެކުނެވެ.

Advertisement

10 މިލިއަން ރުޕީސް ރައްކާކޮށްގެން ޙައްޖަށް ރަޖިސްޓްރީ ކުރި އިރު، 25 މިލިއަން ރުޕީސް ޖަމާކުރަން ޖެހުނެވެ. ފައިސާ ހަމަނުޖެހުމުން މަރްދިޖިޔޯނޯ ގެންގުޅުނު ގެރިއެއް 15 މިލިއަން ރުޕީސް އަށް ވިއްކީއެވެ. ނަމަވެސް ވެއިޓް ލިސްޓުގައި ޖެހުނީ 2045 ވަނަ އަހަރާ ހަމައަށެވެ. ކާފަ ދަރިފުޅު ޙައްޖު އޮފިޝަލުން ކުރެން ޢުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ޕްރޮގްރާމެއް އޮތްތޯ ބެލުމުން، 26 މިލިއަން ރުޕީސް ދައްކައިގެން 2026 ގައި ފުރުމުގެ ފުރުޞަތު ލިބުނެވެ. އެ ފައިސާ ހޯދުމަށް މަރްދިޖިޔޯނޯ އިތުރު ދެ ގެރި ވިއްކީއެވެ.

މި ދިގު ދަތުރުގެ ތެރޭގައި 2022 ގައި ފާޚާނާގައި ވެއްޓި ފައި ހަލާކުވި ނަމަވެސް ރަނގަޅުވެ، 2023 ގައި ޢުމްރާ ވެސް ވިއެވެ. 2025 ގައި ހޮސްޕިޓަލުގައި އެޑްމިޓް ކުރި ނަމަވެސް، އަންނަ އަހަރު ޙައްޖަށް ދެވޭނެ ކަމުގެ ޚަބަރު ލިބުމާ އެކު އަލުން ހިތްވަރު ލިބި ރަނގަޅުވީ ކަމަށް ވާޖިޔެމް ކިޔައިދިނެވެ.

މެއި ތިނެއްގައި މަދީނާ އަށް ފައިބައި މަރްދިޖިޔޯނޯ ބުނީ އޭނާ އެދެނީ ހަމައެކަނި މަސްޖިދުއް ނަބަވީ އާއި މަސްޖިދުލް ޙަރާމްގައި އަޅުކަން ކުރުން ކަމަށެވެ. ދިގު ޢުމުރުގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން ޖަވާބުގައި ބުނީ ހިތް އަބަދުވެސް އުފަލުގައި ގެންގުޅުމާއި ދިރިއުޅުމުގެ ކަންކަން ބޮޑުނުކޮށް ހަޔާތުގެ ހާލަތަށް ރުހި ބަލައިގަތުން ކަމަށެވެ.

މަދީނާގެ ޙައްޖު ޚިދުމަތުގެ ވެރިޔާ ޚަލީލުއް ރަޙްމާން ބުނީ މަރްދިޖިޔޯނޯ އަކީ ޢުމުރަކީ މާތް ﷲ ގެ ގޮވައިލެއްވުމަށް ހުރަހެއް ނޫންކަން ސާބިތުކޮށްދޭ ނަމޫނާ ޝަޚްޞިއްޔަތެއް ކަމަށެވެ. މަރްދިޖިޔޯނޯ އަށް ޚާއްޞަ ސިއްޙީ މޮނިޓަރިންގ އާއި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް ވެސް ބުންޏެވެ. 

އެޑިޓަރުގެ ނޯޓް
މި އަހަރު ދިވެހިރާއްޖެއަށް ޙައްޖަށް ދާ ދިވެހި ޙައްޖުވެރީންގެ ތެރޭގައިވެސް ޝައުޤުވެރި މިކަހަލަ އެތައް ވާހަކައެއް ހުންނާނެކަން ޔަޤީނެވެ. އެފަދަ ވާހަކައެއް އަޅުގަނޑުމެންނާ ހިއްސާކޮށްލަން ބޭނުންފުޅުނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 9770541 އަށް މެޖެސް ކޮށްލެއްވުން އެދެމެވެ.

Advertisement

ކޮމެންޓް