Advertisement

ޕާކިސްތާނުގެ ޙައްޖު ކޮމިޝަނުން ނެރުނު ކުއްލި ޚަބަރަކާ އެކު މި އަހަރު ޙައްޖަށް ދާން ތިބި 450 ކުއްޖަކަށް ކުއްލި ސިހުމެއް

04 May 2026 | 23:13
-

ޙައްޖު 2026 އަށް ފުރުމުގެ ތައްޔާރީތައް ޖެހިޖެހިގެން ކުރިއަށް ދަނިކޮށް، ޕާކިސްތާންގެ ޙައްޖު އިދާރާތަކުން ނެރުނު ކުއްލި ބަޔާނަކާ އެކު މި އަހަރު ޙައްޖަށް ދާން ހުރި 450 ކުއްޖަކާއި އެ ކުދީންގެ ޢާއިލާތަކަށް ހޮނިހިރު ދުވަހު ކުއްލި ސިހުމެއް ލިބިއްޖެއެވެ.

ޕާކިސްތާންގެ ދީނީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި ޕާކިސްތާން އެއާޕޯޓްސް އޮތޯރިޓީ (ޕީއޭއޭ) އިން ހޮނިހިރު ދުވަހު މެންދުރު ފަހު (ރާއްޖެ ގަޑިން ހަވީރު 5 ޖަހާ ހާއިރު) ޢާންމުކުރި ބަޔާނުގައި ބުނެފައިވަނީ، ޙައްޖު 2026 އަށް ޢުމުރުގެ އެންމެ ކުޑަ ދަރަޖަ 12 އަހަރުން 15 އަހަރަށް ސައުދީ ޢަރަބިއާ އިން އުފުލައިފައިވާ ކަމަށެވެ. މެއި 27 ވަނަ ދުވަސް ކަމަށްވާ ޢަރަފާތް ދުވަހު 15 އަހަރު ނުފުރޭ ކުއްޖަކު ޙައްޖު ފްލައިޓްގައި އެރުވުން މަނާ، އަދި އެ ޢުމުރުގެ ޙައްޖުވެރީންނަށް ދޫކޮށްފައިވާ ވީޒާތައް ވެސް ބާތިލުވާނެ ކަމަށް ޕީއޭއޭ އިން ބުންޏެވެ.

Advertisement

ޕާކިސްތާންގެ ވުޒާރާ އިން ބުނީ މި ނިންމުން ތަންފީޒު ކުރަން ފެށޭނީ މެއި 3 ވަނަ ދުވަހު މެންދުރު 12:00 ގައި ކަމަށެވެ. ޕާކިސްތާންގެ ޙައްޖު ޑައިރެކްޓަރ ޖެނެރަލް އާއި ސައުދީ ޙައްޖާއި ޢުމްރާ ވުޒާރާގެ ޑައިރެކްޓަރ ޖެނެރަލް ޢަބްދުﷲ އަލް-ޝަހްރީ އާ ދެމެދު ކުރެވުނު ފޯނު ކޯލެއް މެދުވެރިކޮށް މި ނިންމުން އެނގުނު ކަމަށް އެ ވުޒާރާ އިން ހާމަކުރިއެވެ. އާންމު ބަޔާނާ އެކު ޕާކިސްތާންގައި ވީޒާ ކެންސަލް ކުރުމާއި ފްލައިޓް އިންތިޒާމުތައް ބަދަލުކުރުމުގެ ބޮޑު މަޝްވަރާތައް ފެށިގެން ދިޔައެވެ. ޕާކިސްތާން ޓުޑޭ ނޫހުން ބުނެފައިވާ ގޮތުގައި މި ނިންމުމުގެ ސަބަބުން 450 އެއްހާ ކުދީންނަށް އަސަރު ކުރާނެ ކަމަށް ބެލެވުނެވެ. އޭގެ ތެރޭގައި 200 ކުދީންނަކީ ޕްރައިވެޓް ޙައްޖު ސްކީމުގެ ކުދީންނެވެ. 250 ކުދީންނަކީ ސަރުކާރުގެ ސްކީމުގެ ކުދީންނެވެ.

ނަމަވެސް ޚަބަރުތަކާ ގުޅޭ ގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، ނިންމުން ތަންފީޒުވުމުގެ ކުރިން ހަމަ އެ ދުވަހުގެ ތެރޭގައި ނިންމުން އަނބުރާ ގެނައި ކަމެވެ. ޑޯން ނޫހުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެ ގަޑިން ހޮނިހިރު ދުވަހުގެ ހަވީރު 5 އާއި 6 އާ ދެމެދު، ޕާކިސްތާންގެ ދީނީ ކަންތައްތަކާ ބެހޭ ވުޒާރާ އިން އާ ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ބުނީ ސައުދީ ފަރާތުން މި ނިންމުން އަނބުރާ ގެނެސްފައިވާ ކަމަށާއި، 12 އަހަރުން މަތީގެ ކުދީންނަށް އަލުން ޙައްޖު ކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ. ކެންސަލް ކުރި ވީޒާތައް ވެސް ރީޕްރޮސެސް ކުރެވޭނެ ކަމަށް ޕީއޭއޭ އިން ފަހުން ޔަގީންކަން ދިނެވެ.

ނަމަވެސް މި ޑްރާމާ މުޅި ޙައްޖު ކޮމިއުނިޓީގައި ވަރަށް ބޮޑު ސުވާލުތަކެއް އުފައްދައިފިއެވެ. ޢުމުރުގެ ދަރަޖަ ބަދަލުކުރުމަކީ ހަމައެކަނި ޕާކިސްތާނުގެ ޙައްޖުވެރީންނަށް އަސަރު ކުރާނެ ކަމެއް ނޫނެވެ. އިންޑިއާ، އިންޑޮނީޝިއާ، ބަންގްލަދޭޝް އަދި އެފްރިކާ ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުން މި ޢުމުރުފުރައިގެ ހާސްތަކެއް ކުދީން ކޮންމެ އަހަރަކު ޙައްޖު ކުރެއެވެ. އެކަމަކު ޚަބަރުތަކުން ފެންނަ ވަރަކުން މި ނިންމުމާ ބެހޭ ބަޔާނެއް ދުނިޔޭގެ އެހެން އެއް ވެސް ޤައުމެއްގެ ޙައްޖު މިޝަނަކުން ނުވަތަ އިދާރާއަކުން ނެރެފައި ނުވެއެވެ.

މި ޑްރާމާގެ އެންމެ ޚާއްޞަ ކަމަކީ ސައުދީ ޢަރަބިއާގެ ފަރާތުން ރަސްމީ ބަޔާނެއް ނެރެވިފައި ނެތުމެވެ. ދުނިޔޭގެ ޙައްޖުވެރީންނަށް ފުޅާ ދާއިރާއެއްގައި އަސަރު ކުރާނެ ވަރުގެ ނިންމުމެއް ނަމަ، ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) މެދުވެރިކޮށް ނުވަތަ ޙައްޖާއި ޢުމްރާ ވުޒާރާގެ ވެބްސައިޓުން ޢާންމު ބަޔާނެއް ނެރުމަކީ އާންމު ކަމެކެވެ. ނަމަވެސް މި ނިންމުމާ ބެހޭ ބަޔާނެއް އެ ފަދަ ޗެނަލަކުން ނުފެނެއެވެ. އަރަބް ނިއުސް އާއި ސައުދީ ގެޒެޓް ފަދަ ސައުދީ ޢަރަބިއާގެ ޢާންމު ނޫސްތަކުން މި ޚަބަރު ކަވަރުކުރީ ވެސް ޕާކިސްތާންގެ ފަރާތުން ނެރުނު ބަޔާންތަކަށް ހަވާލާދީގެންނެވެ.

މިހެންވެ ސުވާލު އުފެދެނީ، ހަގީގަތުގައި ވީ ކީއް ބާވައެވެ؟ ސައުދީ އިން ޑްރާފްޓް ޕޮލިސީއެއް ޕާކިސްތާންގެ ޙައްޖު މިޝަނަށް އެންގި އެއް ފަހަރާ ޢާންމުވެ، ޕްރެޝަރާ އެކު އަނބުރާ ގެނެވުނީ ބާވައެވެ؟ ނުވަތަ ފޯނު ކޯލެއް މެދުވެރިކޮށް ދެވުނު މަޢުލޫމާތު އޮޅުމަކުން ޢާންމު ވެ، ބަޔާން ނެރުމުން ފާޅުވުމާ އެކު ހުއްޓުވުނީ ބާވައެވެ؟ ޖަވާބު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ޙައްޖު 2026 ގެ ތައްޔާރީތަކުގައި ކޮމިއުނިކޭޝަން ޗެނަލްތަކުގައި ހުރި ހުސްކަން މި ޑްރާމާ އިން ހާމަވެއެވެ.

މި ވަގުތަކީ ދުނިޔޭގެ އެކި ޤައުމުތަކުން ހާސްތަކެއް ޙައްޖުވެރީން ފުރަމުންދާ ވަގުތެވެ. ޙައްޖު ދުވަހާ ދިމާކޮށް ކުއްލި ނިންމުމެއް ނެރުން ނުވަތަ އެ ފަދަ ނިންމުމެއްގެ ޚަބަރު އޮޅިފައި ޢާންމުވުމަކީ ޙައްޖުވެރީންގެ ޢާއިލާތަކަށް ކިހާ ބޮޑު ހާސްކަމެއް ފޯރުކޮށްދޭނެ ކަމެއް ކަން ހޮނިހިރު ދުވަހުގެ ހާދިސާ އިން ވެސް ހާމަވެއެވެ.

Advertisement

ކޮމެންޓް