Advertisement

ދެކޮޅު ދެ ފެކްޝަނުންވެސް އިންތިޚާބު ފަސްކުރުމާ ދެކޮޅު

02 May 2026 | 10:10
ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕޭނު ނިންމުމަށް އެމްޑީޕީއިން ބޭއްވި ހިނގާލުމުގެ ތެރޭގައި އެ ޕާޓީގެ ލީޑަރުން - ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިޚާބު ފަސްކުރަން ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހެޅުއްވުމާ އެކު، ޕާޓީ ތެރޭ އޮތް ދެ ފެކްޝަނުން ވެސް އެ ހުށަހެޅުމާ ދެކޮޅު ހައްދަވައިފިއެވެ.

ޣަފޫރު، ޕާޓީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޗެއާޕާސަން އިންތިޚާބާއި ޤައުމީ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ފައިސާ ޕާޓީގައި ނެތް ކަމަށާއި، މި އަހަރު ސަރުކާރުން ލިބެންޖެހޭ ފައިސާ އަދިވެސް ނުލިބޭ ކަމަށެވެ. ދެވަނަ ސަބަބެއް ކަމަށް ވިދާޅުވީ، މި ދަނޑިވަޅުގައި އިންތިޚާބު ބާއްވައިފި ނަމަ ޕާޓީގެ އެތެރޭގެ މަސްލަޙަތު ގެއްލި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ. ޣަފޫރު ހުށަހެޅުއްވީ ރިޔާސީ ޕްރައިމަރީގެ ފަހަށް ޗެއާޕާސަން އިންތިޚާބު ފަސްކޮށް، އޭނާ ނުހިމެނޭ ގޮތަށް "އިންޓެރިމް އެރޭންޖްމެންޓެއް" ހެދުމަށެވެ.

Advertisement

ނަމަވެސް ޗެއާޕާސަންކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލް އަޙްމަދު ނަސީމް (ކުރީގެ ރައީސް ޞާލިޙުގެ ކޭމްޕު) އާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ފައްޔާޟް-ނަޝީދުގެ ކޭމްޕު) ވެސް ވަނީ އެ ހުށަހެޅުމާ ދެކޮޅު ހައްދަވައިފައެވެ. މީކާޢީލް އެކްސްގައި ވިދާޅުވީ އިންތިޚާބު ފަސްކުރުމަކީ "އަޅުގަނޑު ވެސް އަދި މި ޕާޓީގެ އެއްވެސް މެންބަރެއް ވެސް ބަލައިގަންނާނެ ކަމެއް ނޫން" ކަމަށާއި، "ޕާޓީން އިޢުލާންކޮށްފައިވާ ތާވަލާ އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދަން ޖެހޭ" ކަމަށެވެ.

މީކާޢީލްގެ ޕޯސްޓު ކޯޓު ކުރައްވައި ނަޝީދާ އެކު ކެމްޕޭނަށް ނުކުންނަވާފައިވާ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވީ، "އިންތިޚާބު ލަސްކުރާން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފައިސާ ވެސް ހޯދޭނެ. އިންތިޚާބު އަވަސްކުރަންވީ" ކަމަށެވެ.

މި ޚިލާފުގެ ތެރެއިން ކުރީގެ ރައީސް ނަޝީދު ވަނީ، ޤައުމީ މަޖިލީހުން އެދޭ ނަމަ ރިޔާސީ ޕްރައިމަރީއާ ހަމައަށް ވަގުތީ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރު ކަމަށް ވިދާޅުވެފައެވެ. ނަޝީދު އެހެން ވިދާޅުވީ ކުރީގެ މެންބަރު މުޙައްމަދު ރާއީ، ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވަގުތީ ޗެއާޕާސަންކަމާ ހަވާލުވާން ފެންނަ ކަމަށް ވިދާޅުވުމުންނެވެ. "ޤައުމީ މަޖިލިސް އެދޭ ނަމަ ވަގުތީ ޗެއާޕާސަންކަން ކުރުމަށް އަޅުގަނޑު އިޢުތިރާޟެއް ނެތް" ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރިން ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސް އަޙުމަދު ޢަބްދުﷲ ޢަފީފް ވެސް ވަނީ ޗެއާޕާސަން އިންތިޚާބަށް ހުޅުވާލި އިޢުލާނަކީ، އަސާސީ ޤަވާޢިދުގެ 46 ވަނަ މާއްދާއާ ޚިލާފު ބާޠިލު ނިންމުމެއް ކަމަށް ވިދާޅުވެ ވަގުތީ ޗެއާޕާސަނަށް ސިޓީއެއް ފޮނުއްވައިފައެވެ. އެ ޤަވާޢިދުގައިވާ ގޮތުން ޗެއާޕާސަން އިންތިޚާބުގެ ކަންތައް ރާވައި ހިންގުން ހަވާލުކޮށްފައި ވަނީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސާއެވެ.

ޗެއާޕާސަން އިންތިޚާބު ފަސްކޮށްފި ނަމަ، މިއީ އެ އިންތިޚާބު ފަސްކުރާ ދެވަނަ ފަހަރެވެ. ޑިސެންބަރު ނުވަ ވަނަ ދުވަހުގެ ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް ހުށަހެޅުއްވި ހުށަހެޅުން 69 މެންބަރުންގެ ތެރެއިން 58 ވޯޓާ އެކު ފާސްކޮށް، ލޯކަލް ކައުންސިލް އިންތިޚާބަށް ވުރެ ފަހުން ބާއްވަން ނިންމީއެވެ. ޗެއާޕާސަން އިންތިޚާބު 12 ޖޫންގައި ބާއްވަން މިފަހަރު އިޢުލާން ކުރީ އެ ނިންމުމާ އެއްގޮތަށެވެ.

Advertisement

ކޮމެންޓް