ކާރިސާތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތަށް ޖަޕާނުގެ 66 މިލިއަން ރުފިޔާގެ އެހީއެއް
ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ބޭނުންކުރާނެ މުހިންމު އާލާތްތަކެއް ޖަޕާނު ސަރުކާރުގެ ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ފޯރުކޮށްދީފިއެވެ.
މި ތަކެތި ހަވާލުކުރުމަށް އެންޑީއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި، ޖަޕާނު ސަރުކާރުގެ ފަރާތުން މި ސާމާނުތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. އެންޑީއެމްއޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެ އިދާރާގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަނެވެ.
ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ހަދިޔާކުރި މި ތަކެތީގެ ޖުމްލަ އަގު 4.3 މިލިއަން އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 66.3 މިލިއަން ދިވެހި ރުފިޔާއަށް) އަރާކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ. މި އާލާތްތަކުގެ ސަބަބުން، ރަށްރަށުގައި ދިމާވާ ފެންބޮޑުވުމުގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ޖަޕާނުގެ ސަރުކާރުން ހަދިޔާ ކުރި ބައެއް ސާމާނު /ފޮޓޯ: އެންޑީއެމްއޭ
ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންޑީއެމްއޭއިން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާނުން ދެމުންގެންދާ އެހީތެރިކަމަށްޓަކައި އެ އިދާރާއިން ވަނީ ޖަޕާނު ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.