ފެނަކައަށް ދައްކަން އެންގި 70،000 ރުފިޔާ މަޑުޖައްސައިލަން ހައިކޯޓުން އަމުރެއް
ވެށި ލިންކް އިންވެސްޓްމެންޓްގެ ވެރިޔާ ފާތިމަތު ޝިފާޒް ޝަހީމަށް ފެނަކަ ކޯޕަރޭޝަނުން ދައްކަންޖެހޭ 6.8 މިލިއަން ރުފިޔާގެ އިތުރުން، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ކަނޑައެޅި 70،000 ރުފިޔާ ދިނުން މަޑުޖައްސާލުމަށް ހައިކޯޓުން ވަނީ އަމުރު ނެރެފައެވެ.
މި މައްސަލައަކީ 2022 ވަނަ އަހަރު ފެނަކައަށް ފޯރުކޮށްދިން ހިދުމަތްތަކަކަށް ލިބެންޖެހޭ 8.5 މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ ކޯޓުން 27 އޮކްޓޫބަރު 2025 ގައި ނިންމާފައިވަނީ، ހިދުމަތުގެ އަގުގެ ތެރެއިން ނުދައްކާ އޮތް 6.8 މިލިއަން ރުފިޔާއާއި ޝަރީއަތުގެ ހަރަދަށް ހިނގި 70،000 ރުފިޔާ ފެނަކައިން ދައްކަންޖެހޭނެ ކަމަށެވެ. އަދި މި ފައިސާ ހަތް ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ހަލާސްކުރުމަށްވެސް އަމުރުކޮށްފައިވެއެވެ.
ނަމަވެސް، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ދައްކަންޖެހޭ 70،000 ރުފިޔާގެ ބައި ފެނަކައިން ވަނީ މިދިޔަ މާޗް މަހުގެ 30 ގައި ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ފެނަކައިން އެދުނީ ހައިކޯޓުން މި މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން އެ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރަކަށެވެ.
ފެނަކައިން ފާހަގަކޮށްފައިވާ ގޮތުގައި، ދަށު ކޯޓުގައި ޝިފާޒްގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލަކީ މީގެ ކުރިން އެ ކުންފުނީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިއީ ގާނޫނީ ފަންނުގެ ގާނޫނުގެ 42 ވަނަ މާއްދާއާ ހިލާފު، ވަކީލުންގެ ސުލޫކީ މިންގަނޑާ ނުގުޅޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ކަންކަމަށް ރިއާޔަތްކޮށް ހައިކޯޓުން ނިންމީ، އެ ކޯޓުން މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތެއް އަންގަންދެން، 70،000 ރުފިޔާ ހޯދުމަށް ހިންގާ ހުކުމް ތަންފީޒު ކުރުމުގެ އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.