މޭޔަރު އާޒިމަށް މުޒާހަރާގެ ތެރެއިން ހަމަލަދީފި
އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދީފިއެވެ.
ސަރުކާރާ ދެކޮޅަށް އެ ޕާޓީން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން ރޭގެ ހަރަކާތް ކުރިއަށް ދިޔައީ މޭޔަރު އާޒިމްގެ ބައިވެރިވުމާ އެކުގައެވެ.
މުޒާހަރާގެ ބައިވެރިން ހެންވޭރު ގަބުރުސްތާނު ސަރަހައްދުން ހިނގާފައި ދަނިކޮށް، ކުއްލި ގޮތަކަށް އައި ޒުވާނަކު ވަނީ އާޒިމްގެ މޭމަތީގައި ޖަހައި ކޮއްޕާލާފައެވެ. މި ހާދިސާ ހިނގާފައިވަނީ މީޑިއާތަކުން މުޒާހަރާ ވަގުތުން ދައްކަމުން ދަނިކޮށެވެ.
އާޒިމަށް ހަމަލާދިނުމާ އެކު، އެއްވުމުގެ ބައިވެރިން ވަގުތުން އޭނާގެ ދިފާއުގައި ނުކުމެ އެ ޒުވާނާ އެ ސަރަހައްދުން ދުރަށް ޖެއްސިއެވެ. އަދި އެ ވަގުތު އެތަނުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ބައެއް އެކްޓިވިސްޓުންގެ މެދުގައި އުފެދުނު ހަމަނުޖެހުން ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަނީ އެ ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
ޣަފޫރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ މޭޔަރަށް ދިން ހަމަލާ ވަގުތުން ތަހުގީގު ކުރުމަށާއި، އާޒިމަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.