އެހީ ބޭނުންތަ؟ މިއަދު ދުވަހުން މި ކިޔައިދެނީ ރާއްޖެ އަދި އޮންލައިންކޮށް ނަފްސާނީ އެހީ ހޯދިދާނެ މަގުތައް!
ނަފްސާނީ ގޮތުން ދަތި ވަގުތެއް އައީމާ ގިނަ ދިވެހީންނަށް އެންމެ ފުރަތަމަ ކުރެވޭ ސުވާލަކީ "ކޮންތާކަށް ގުޅާނީ؟" މި ސުވާލެވެ. ކައުންސެލަރެއް ހޯދާނެ ގޮތެއް ނޭނގެއެވެ. ހެލްޕްލައިނެއް ހުންނަ ކަމެއް ނޭނގެއެވެ. ނުވަތަ އެނގުނަސް، ގުޅައިލަން ޖެހިލުންވެއެވެ. މި ލިޔުމުގައި މި ކިޔައިދެނީ ރާއްޖޭގައި ނަފްސާނީ އެހީ ހޯދެން ހުރި ހުރިހާ ދޮރެއްގެ ވާހަކައެވެ - ފޯނު ކޯލަކުން، ޗެޓަކުން، ނުވަތަ ހޮސްޕިޓަލަށް ގޮސްގެން ވިޔަސް މެއެވެ.
ކައުންސެލަރެއް ގާތަށް ދާން ޖެހިލުންވިޔަސް، ފޯނު ކޯލެއް ކޮށްލެވިދާނެއެވެ. ރާއްޖޭގައި ދެ ހެލްޕްލައިނެއް ހިނގައެވެ.
1677 - މިއީ ނެޝަނަލް މެންޓަލް ހެލްތު ހެލްޕްލައިނެވެ. ރެއާ ދުވާލު 24 ގަޑިއިރު، ހަފުތާގެ ހަތް ދުވަހު ޚިދުމަތް ލިބެއެވެ. ހިލެއެވެ. ކޮންމެ ޢުމުރެއްގެ މީހަކަށް ވެސް ގުޅައިލެވެއެވެ. ވާހަކަ ދައްކާލާނެ މީހަކު ބޭނުންވިޔަސް، ދިރިއުޅުމުގެ ކޮންމެ ކަންބޮޑުވުމެއް ހިއްސާކުރަން ވެސް މި ނަންބަރު ބޭނުންކުރެވެއެވެ.
1484 - މިއީ ސްކޫލް ދަރިވަރުންނަށް ޚާއްޞަ ހެލްޕްލައިނެކެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހަވީރު 3 އިން ރޭގަނޑު 9 އަށް ތަމްރީނު ލިބިފައިވާ ކައުންސެލަރުންނާ ވާހަކަ ދެއްކެއެވެ.
ނަފްސާނީ ގޮތުން ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ — އެންމެ ފުރަތަމަ ދާންވީ އައިޖީއެމްއެޗް އިމަޖެންސީ އަށެވެ. މާލެ ސަރަހައްދުގައި ނަފްސާނީ އިމަޖެންސީ ބެލޭ ހަމައެކަނި ތަނަކީ ވެސް އެއީއެވެ. އައިޖީއެމްއެޗްގެ ސެންޓަރ ފޮ މެންޓަލް ހެލްތު (ސީއެމްއެޗް) ގައި ސައިކިއެޓްރިސްޓުންނާއި ސައިކޮލޮޖިސްޓުންނާއި ކައުންސެލަރުން ހިމެނޭ ޓީމެއް މަސައްކަތް ކުރެއެވެ.
ހުޅުމާލޭގައި ނަމަ ޓްރީ ޓޮޕް ހޮސްޕިޓަލް ގެ ސައިކިއެޓްރީ ޑިޕާޓްމެންޓުން ޚިދުމަތް ލިބެއެވެ. މާލޭގައި އޭޑީކޭ ހޮސްޕިޓަލް އިން ވެސް ސައިކިއެޓްރީގެ ޚިދުމަތް ލިބެއެވެ.
ހޮސްޕިޓަލުގެ ވެއިޓިން ލިސްޓު ދިގުވެދާނެއެވެ. އެ ހާލަތުގައި ޕްރައިވެޓް ކްލިނިކްތަކުން ނަފްސާނީ ޚިދުމަތް ލިބެއެވެ.
އައިސީޕީ (އިންސްޓިޓިއުޓް ފޮ ކައުންސެލިން އެންޑް ސައިކޯތެރަޕީ) - ރާއްޖޭގައި ފުރަތަމަ ރަޖިސްޓަރީ ކުރެވުނު ޕްރައިވެޓް ނަފްސާނީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި ހިމެނެއެވެ. ސައިކޮލޮޖިކަލް އެސެސްމެންޓާއި ކައުންސެލިންގެ އިތުރުން، ޚާއްޞަ ތެރަޕީތައް ލިބެއެވެ. ފޯނު: 7978802. ހެޔޮ ޚަބަރަކީ ކައިރިއަށް ނުދެވުނަސް އޮންލައިންކޮށް ވެސް ސެޝަންތައް ނެގޭ ކަމެވެ.
ސައިމާ ކެއާ (7901920)، ކުލުނު މެޑް (9939797)، އަދި އައިއެމްޑަބްލިޔުބީ (7897892) އިން ވެސް ކައުންސެލިން ލިބެއެވެ.
ޑޮކްޓަރެއް ގާތަށް ދާން ތައްޔާރު ނުވިޔަސް، ވާހަކަ ދައްކާލެވޭނެ ބަޔަކު ބޭނުންވެދާނެއެވެ. މެންޓަލް ހެލްތު ސަޕޯޓް ގްރޫޕް (އެމްއެޗްއެސްޖީ) އަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. ޕިއާ ސަޕޯޓް މީޓިންތައް ބާއްވައެވެ. ވައިބާ ކޮމިއުނިޓީއެއް ހިންގައެވެ. ޚިދުމަތް ހޯދާނެ ގޮތް ދެނެގަންނަން އެހީ ވެސް ވެދެއެވެ.
ތަފްސީލް: mhsgmv.org
ރަށްރަށުގައި ނަފްސާނީ ޚިދުމަތް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ފޯނެއް ނުވަތަ ލެޕްޓޮޕެއް ހުރި ނަމަ، ކޮޓަރީގައި އިނދެގެން ވެސް ކައުންސެލިން ހޯދެވެއެވެ.
7cups.com - މިއީ ދުނިޔޭގެ ފެންވަރުގައި ހިންގާ ހިލޭ އޮންލައިން ޕްލެޓްފޯމެކެވެ. ތަމްރީނު ލިބިފައިވާ ވޮލަންޓިއާ ލިސެނާސް އާ 24 ގަޑިއިރު ޗެޓް ކުރެވެއެވެ. 13 އަހަރުން މައްޗަށް ބޭނުންކުރެވެއެވެ. ނަން ނުޖަހައި، ސިއްރުކޮށް ވާހަކަ ދެއްކެއެވެ.
buddyhelp.org - ހިލޭ ޕިއާ ސަޕޯޓް ޗެޓެކެވެ. ބޭނުންވަނީ ހަމައެކަނި ބްރައުޒާއެކެވެ. އެޕެއް ވެސް ބޭނުމެއް ނޫނެވެ. "ޗެޓް" އަށް ފިއްތާލީމާ ނިމުނީއެވެ.
findahelpline.com - ރާއްޖެ ހިމެނޭ ގޮތަށް 175 އަށްވުރެ ގިނަ ޤައުމުގައި ހެލްޕްލައިން ހޯދެން ހުރި ވެބްސައިޓެކެވެ. ތިމާއާ އެންމެ ގުޅޭ ޚިދުމަތެއް ހޯދައިލެވެއެވެ.
ރާއްޖޭގައި ނަފްސާނީ ފަރުވާ ހޯދުމުގެ މަގު ފަހިވަމުން ދިޔަ ނަމަވެސް، ގޮންޖެހުންތައް ވެސް ކުޑައެއް ނޫނެވެ. ވެއިޓިން ލިސްޓު ދިގެވެ. ސައިކިއެޓްރިސްޓުން މަދެވެ. ނަމަވެސް ފުރަތަމަ ފިޔަވަޅު އެޅުން - ފޯނު ނެގުން، ޗެޓެއް ފޮނުވައިލުން، ކައިރި މީހެއް ގާތު ބުނެލުން - އެއީ އެންމެ ބޮޑު ހިތްވަރެވެ.
ތިބާ ނުވަތަ ތިބާ ދަންނަ މީހެއް ނަފްސާނީ ގޮތުން ދަތި ވަގުތެއްގައި ވާ ނަމަ، 1677 އަށް ގުޅައިލާށެވެ. މާ ލަސްވުމުގެ ކުރިންނެވެ.