ކުއްލި ޙަބަރު: ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓުން 1.1 ކިލޯގްރާމުގެ އެމްފެޓަމިން ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު 3.3 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. ކަސްޓަމްސް އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓަކުން އެނގޭ ގޮތުގައި އެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ފޮށްޓެއްގެ ތެރޭގައެވެ. އެ ތަކެތި ހުރީ ނޫ ކުލައިގެ ޕްލާސްޓިކް ކޮތަޅެއްގައި ބަންދުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ. މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގެ ދަށުން، ވަކި މިންވަރަކަށްވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަކީ މަރުގެ އަދަބު ލިބޭ ކުށެކެވެ. އެ މިންވަރަށް ނާރާ ނަމަ އެއީ އުމުރަށް ޖަލަށް ލެވޭ ކުށެކެވެ.