ކަރަންސީ ސްވަޕްގެ އުސޫލުން އިންޑިއާއިން ރާއްޖެއަށް 319 މިލިއަން ޑޮލަރު ދޫކުރުމަށް ނިންމައިފި
ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި މާލީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ދެމުންގެންދާ އެއްބާރުލުމުގެ ދަށުން، 319 މިލިއަން އެމެރިކާ ޑޮލަރު (30 ބިލިއަން އިންޑިއަން ރޫޕީސް) ރާއްޖެއަށް ދިނުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ.
މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކުރި ގޮތުގައި، މި އެހީއަކީ ސާކް ޤައުމުތަކަށް ކަނޑައަޅާފައިވާ ކަރަންސީ ސްވޮޕް އޮނިގަނޑުގެ ފުރަތަމަ މަރުޙަލާގެ ދަށުން ފޯރުކޮށްދޭ ފައިސާއެވެ. މިއީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ވެވުނު އެއްބަސްވުމުގެ ނަތީޖާއެކެވެ.
މި އައު އޮނިގަނޑުގެ ދަށުން ދޫކުރާ ރޫޕީ ސްވޮޕް ފެސިލިޓީގައި އިންޓްރެސްޓް ރޭޓާއި އެހެނިހެން ކަންކަމުގައި ބޮޑެތި ލުއިތަކެއް ހިމެނޭކަން ހައިކޮމިޝަނުން ފާހަގަކުރިއެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި ދޫކުރި 400 މިލިއަން ޑޮލަރުގެ މުއްދަތު 2026 ވަނަ އަހަރުގެ އޭޕްރިލް މަހަށް ހަމަވާއިރު، މިހާރުގެ އެހީއަކީ 2024 އިން 2027 އަށް އެކުލަވާލާފައިވާ އައު އުޞޫލުގެ ދަށުން ހަމަޖެހުނު އެހީއެކެވެ.
2012 ވަނަ އަހަރުން ފެށިގެން ސާކް ސްވޮޕް އޮނިގަނޑުގެ ތެރެއިން އިންޑިއާގެ މަރުކަޒީ ބޭންކުން ވަނީ ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ދީފައެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުން ދެމެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުން ވިއްކާފައިވާ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްތަކުގެ މުއްދަތުވެސް އިންޑިއާއިން ވަނީ މިދިޔަ އަހަރު އިތުރުކޮށްދީފައެވެ.
އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތާއި 'މަހާސާގަރު' ތަޞައްވުރުގެ ދަށުން ރާއްޖެއަކީ އެ ޤައުމުގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށް ހައިކޮމިޝަނުން ބުނެއެވެ. އަދި އެންމެ ގާތް އަވަށްޓެރި ޤައުމުގެ ހައިސިއްޔަތުން، ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ދަނޑިވަޅެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތުގެ ގޮތުގައި އިންޑިއާ އަބަދުވެސް އޮންނާނެ ކަމުގެ ޔަޤީންކަން އެ ޤައުމުން ވަނީ ދީފައެވެ.