Advertisement

"ރަސްމާލެ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ: މިހާތަނަށް 504 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައި."

23 Apr 2026 | 16:02
ރަސްމާލެ ހިއްކުން /ފޮޓޯ: އެމްއޭސީއެލް

ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ފުރިހަމަވެފައިވާކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ހާމަކުރައްވައިފިއެވެ.

ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ބިޔަ ބިން ހިއްކުމުގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ ތަރައްޤީކުރުމުގެ މަސައްކަތް 11 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްދާއިރު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާތަނަށް މަޝްރޫޢުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. އެގޮތުން 504 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި އެއްކޮށްލުމުން ލިބޭ ބޮޑުމިނާ ގާތްކުރާ މިންވަރެއް ކަމަށެވެ. އަދި ބާކީ ހުރި ބައިތައް ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ބިން ހިއްކުމުގެ މަސައްކަތާއެކު އެ ސަރަހައްދުގެ މާސްޓަރ ޕްލޭން އެކުލަވާލުމާއި، ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭންތަކާއި ފަންނީ އެހެނިހެން މަސައްކަތްތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2023 ވަނަ އަހަރުގެ ޑިސެންބަރު 18 ގައެވެ. ނަމަވެސް މަސައްކަތުގެ ދުވެލި އަވަސްކުރުމަށްޓަކައި އެމްއޭސީއެލްއާ ހަވާލުކޮށްގެން އަލުން މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހުއެވެ.

މި މަސައްކަތް އަވަސްކުރުމަށްޓަކައި އެމްއޭސީއެލްއިން މިހާރު ބޭނުންކުރަމުންދަނީ ދުނިޔޭގެ އެންމެ ބޮޑެތި ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ 'ކްރިސްޓަބަލް ކޮލޮން' އެވެ. މިއީ އެއްފަހަރާ 46000 އަކަ މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ.

Advertisement

ކޮމެންޓް