Advertisement

މިލަންދޫ ގެއަކުން ވަގަށްނެގި ޓީވީތަކަކާއި ސެންޓުފުޅިތަކެއް ހޯދައި ދެ މީހަކު ހައްޔަރުކޮށް، އިތުރު ވައްކަމެއްގައި ވަގަށް ނެގި ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ހޯދައިފި

23 Apr 2026 | 15:13
އެ ދެ މީހުން /ފޮޓޯ: ފުލުހުން

ށ. މިލަންދޫގެ ގެއަކުން ޓީވީތަކަކާއި ސެންޓުފުޅިތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީގެ އިތުރުން، އެ ރަށުގައި ހިނގި އެހެން ވައްކަމެއްގައި ގެއްލުނު އެއްލައްކައަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ސާމާނުތަކެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ.

Advertisement

މި މަހުގެ 19 ވަނަ ދުވަހު ހުށަހެޅުނު ވައްކަމުގެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ރަށު ރެޑްރޯސް، އަޙްމަދު ޢަޒީމް (34އ) އާއި ތަރިވިދާގެ، މުޙައްމަދު ޝިފާއު (29އ) އެވެ. މި ދެ މީހުން ހައްޔަރުކުރީ މި މަހުގެ 21 ވަނަ ދުވަހު ކަމަށްވާއިރު، ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި ވައްކަމުގައި ގެއްލިފައިވަނީ 60 އިންޗީގެ ސްކައިވޯތް ޓީވީއަކާއި، 65 އިންޗީގެ ޓީސީއެލް ޓީވީއެއްގެ އިތުރުން، ގާތްގަނޑަކަށް 240 ޑޮލަރުގެ އަގުހުރި ގުޗީ ސެންޓުފުޅިއަކާއި ހަ ހާސް ރުފިޔާގެ އެހެނިހެން ސެންޓުފުޅިތަކެވެ. ފުލުހުން ވަނީ މި ހުރިހާ ތަކެއްޗެއް ހޯދުމަށްފަހު އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މީގެ އިތުރުން، މިލަންދޫ ގަރާޖަކުން 120،000 ރުފިޔާއަށްވުރެ އަގުބޮޑު އިންޖީނުގެ ބައިތަކެއް ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ. މި މަހުގެ 18 ވަނަ ދުވަހު ހިނގި މި ވައްކަމުގައި ގެންގޮސްފައިވަނީ ޔަމަހާ ބްރޭންޑްގެ އައުޓްބޯޑް ގިޔަރަކާއި ބުރަފައްޗެކެވެ.

ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، މި ތަކެތި ވަނީ އެ ދުވަހު މެންދުރުފަހު މިލަންދޫ ފަޅުގައި އޮތް ބޯޓެއްގެ ކައްޕިއަށް 2،500 ރުފިޔާއަށް ވިއްކާލާފައެވެ. ފުލުހުން އެ ބޯޓު ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާ އިންޖީނުގެ ބައިތައް ފެނިފައިވަނީ ބޯޓުގެ އިންޖީނުގޭގެ ވަތުތެރޭގައި ފޮރުވާފައި ހުއްޓައެވެ.

Advertisement

ކޮމެންޓް