އެނގިހުރެ މީހަކު މެރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ހިންގި، ގަސްތުގައި މީހަކު މަރައިލުމުގެ މައްސަލައެއްގައި ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލިފައިވަނީ ގދ. ތިނަދޫ، މަނާރު، މުޙައްމަދު ނިޡާމް (48އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ (ގާނޫނު ނަންބަރު 9/2014) ދަށުންނެވެ.
ފުލުހުންނަށް މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކާއި ގާނޫނީ ނުކުތާތަކަށް ރިއާޔަތްކުރުމަށްފަހު، 22 އެޕްރީލް 2026 ގައި ކޯޓުން ވަނީ މުޙައްމަދު ނިޡާމްގެ މައްޗަށް ހުކުމް އިއްވާފައެވެ. މިގޮތުން އޭނާ 25 އަހަރަށް ޖަލަށްލުމަށް ކަނޑައެޅި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން، މި މައްސަލައާ ގުޅިގެން ބަންދުގައި ހޭދަކުރި 1154 ދުވަސް (3 ޖަނަވަރީ 2023 އިން 1 މާރިޗު 2026 އަށް) ވަނީ ހުކުމުގެ މުއްދަތުން އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ތަންފީޒުކުރަންޖެހޭނީ 21 އަހަރާއި 10 މަހާއި 1 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.