މަސްވެރިންނަށް ރާއްޖޭގެ ހުރިހާ ހިސާބަކުން އަގުހެޔޮކޮށް ތެޔޮ ލިބޭނެ
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިކަން ކުރާ ހުރިހާ އުޅަނދުފަހަރަކަށް، މާދަމާއިން ފެށިގެން އެސްޓީއޯގެ އަގުގައި ތެޔޮ ގަންނަން ލިބޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި، އެފް.އެސް.އެމްގެ ޝެޑްތައް ހުރި ރާއްޖޭގެ އުތުރާއި ދެކުނުގެ ހުރިހާ ރަށަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެއެވެ. މި ޚިދުމަތް ލިބޭނެ ރަށްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ފެލިވަރު، ކ. ހިންމަފުށި، ހުޅުމާލެ ޖެޓީ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ގއ. ކޫއްޑޫ އަދި ސ. ހުޅުމީދޫ ހިމެނެއެވެ. މިއާއެކު ޖުމްލަ 13 ސަރަހައްދަކުން މަސްވެރިންނަށް މި ލުއި ލިބިގެންދާނެއެވެ.
މި އިންތިޒާމުގެ ދަށުން ތެޔޮ ބަލައިދާއިރު، އުޅަނދުގެ މަސްވެރިކަމުގެ ލައިސަންސް ކޮޕީއާއި އެންމެ ފަހުން މަސް ކިރުވި ރަސީދު ހުށަހަޅަން ޖެހެއެވެ. އަގު ހެޔޮކޮށް ތެޔޮ ދޫކުރުމަށް ހަމަޖެހިފައިވަނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ.
ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ ދޯނިފަހަރަށް ބަލާއިރު، 85 ފޫޓަށްވުރެ ބޮޑެތި އުޅަނދުތަކަށް މަހަކު ދެ ދަތުރަށް، ކޮންމެ ދަތުރަކު 5000 ލީޓަރު ލިބޭނެއެވެ. 50 ފޫޓާއި 85 ފޫޓާ ދެމެދުގެ ދޯނިތަކަށް މަހަކު ތިން ދަތުރަށް، ދަތުރަކު 3000 ލީޓަރު ލިބޭއިރު، 50 ފޫޓަށްވުރެ ކުދި އުޅަނދުތަކަށް މަހަކު ތިން ދަތުރަށް، ދަތުރަކު 1500 ލީޓަރު ދޫކުރާނެއެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ކަނޑައަޅާފައިވަނީ މަހަކު ފަސް ދަތުރެވެ. އެގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް ދަތުރަކު 1800 ލީޓަރު، 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް ދަތުރަކު 1200 ލީޓަރު، އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް ދަތުރަކު 600 ލީޓަރު އެސްޓީއޯ ރޭޓުގައި ލިބޭނެއެވެ.