Advertisement

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ވީޑިއޯއާ ފޮޓޯ ވިއްކި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި

20 Apr 2026 | 15:50
މޫނިމާގެ / ތ.ވިލުފުށި، އާދަމް ޢަދްލާން ލަޠީފް /ފޮޓޯ: ފުލުހުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށީ، މޫނިމާގެ، އުމުރުން 22 އަހަރުގެ އާދަމް ޢަދްލާން ލަޠީފެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭޕްރީލް 21 ގެ ނިޔަލަށް 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

Advertisement

ފުލުހުން ހާމަކުރި ގޮތުގައި، ޢަދްލާން ހައްޔަރުކުރީ ބައިނޭންސް އެކްސްޗޭންޖްގެ ވޮލެޓެއް މެދުވެރިކޮށް ކުޑަކުދިންގެ ބަރަހަނާ ތަކެތި ގަނެވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި ތަހުގީގުގެ ތެރެއިންނެވެ. އެގޮތުން އެ ވޮލެޓުން އޭނާގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން، އޭނާގެ އަތުން ފެނުނު އިލެކްޓްރޯނިކް ސާމާނުތައް ފޮރެންސިކްކޮށް ތަހުލީލުކުރިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ވީޑިއޯއާއި ފޮޓޯ ވަނީ ފެނިފައެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ މައްސަލަތަކަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލާ މައްސަލަތަކެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އަދި މިފަދަ އަމަލުތައް ހިންގާ މީހުން ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދީފައެވެ.

Advertisement

ކޮމެންޓް