ޖުޑިޝަލް ކައުންސިލްގެ ދަށަށް އުއްތަމަ ފަނޑިޔާރާއި ޑީޖޭއޭ: ޝަރުޢީ ނިޒާމަށް ބޮޑު ބަދަލެއް!
އަދުލުއިންސާފުގެ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން އުވާލާފައިވާ "ޖުޑިޝަލް ކައުންސިލް" އަލުން ގާއިމުކޮށް، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ އެ ކައުންސިލްގެ ބެލުމުގެ ދަށުން ހިނގާ ތަނަކަށް ހެދުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިކަން އިއުލާނުކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ޖުޑިޝަރީއާ ގުޅުންހުރި ގާނޫނީ ބަދަލުތަކާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ޑީޖޭއޭ މިހާރު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށުން ހިންގަމުންދާ ދިއުން ބަދަލުކޮށް، ކުރިން އޮތް އުސޫލުން ކޯޓުތަކުގެ ކަންކަން ތަރުތީބުކުރަން ގަސްދުކުރައްވާ ކަމަށެވެ.
މީގެ ކުރިން އޮތް ޖުޑިޝަލް ކައުންސިލަކީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުން ހިމެނޭގޮތަށް ފަންނީ ލަފާދިނުމަށް އެކުލަވާލާފައިވާ މަޖިލީހެކެވެ. ރައީސް ވިދާޅުވީ މި ކައުންސިލް އަލުން އުފެއްދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ ކަމަށާއި، ޑީޖޭއޭ އަކީ އުއްތަމަ ފަނޑިޔާރާއި ޖުޑިޝަލް ކައުންސިލަށް ޖަވާބުދާރީވާ އިދާރާއަކަށް ވުމަކީ ޝަރުއީ ނިޒާމަށް ލިބޭނެ ކުރިއެރުމެއް ކަމަށެވެ.
މީގެ އިތުރުން، ކޯޓުތަކުގެ އިދާރީ ހިންގުން އެޑްމިނިސްޓްރޭޓަރުންގެ ބާރުގެ ދަށުގައި އޮތުމުން ޝަރުއީ މަސައްކަތްތަކަށް ހުރަސްއެޅޭކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެޑްމިނިސްޓްރޭޓަރުންނަކީ ހަމައެކަނި އިދާރީ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ވާންޖެހޭ ކަމަށާއި، ކޯޓުތަކުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވަންވާނީ އެ ކޯޓެއްގެ އިސް ފަނޑިޔާރު ކަމަށެވެ.