އެސް.އޯ.އީ ތަކުން ވަކިވާ މުވައްޒަފުންނަށް ވަޒީފާގެ ބާޒާރަށް ނިކުމެ އިޤްތިސޯދުގައި ބައިވެރިވުމަށް ލުއިލޯނު ދޫކުރެވޭނެ: މާލީ ވަޒީރު
ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސް.އޯ.އީ) ތަކުން ވަކިވާ މުވައްޒަފުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނިކުމެ ރާއްޖޭގެ އިޤްތިސޯދުގައި ބައިވެރިވެ އާމްދަނީ ހޯދޭނެ ގޮތްތައް ރާއްވަވަމުން ގެންދަވާ ކަމަށް، މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާލީ ވަޒީރު ވިދާޅުވީ، އިޤްތިސޯދަށް މިވަގުތު އަންނަމުންދާ ބަދަލުތަކާއި ގުޅިގެން، ކުންފުނިތަކުުގެ ހަރަދު ކުޑަކޮށް ޑައުންސައިޒް ކުރަމުންދާއިރު، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އާމްދަނީ ހޭދޭނެ އިތުރު ގޮތްތައް ފަހިކޮށްދީ އިކޮނޮމީގައި ބައިވެރިވެވޭނެ ގޮތަށް، ޚާއްސަ ދާއިރާތަކުން ލޯނު ދިނުމަށް ރައީސުލްޖުމްޙޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށެެވެ. މިގޮތުން އެކި ދާއިރާތަކަށް ޚާއްސަކޮށް މިހާރުވެސް 250 މިލިއަން ރުފިޔާ ރިލީޒްކުރެވިދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާއިރު، އެމީހުންނަށް އާމްދަނީ ހޯދޭނެ އިތުރުގޮތްތައް ފަހިވާނެ ގޮތަކަށް ލޯނު ދޫކުރުމުގެ ކަންކަން ރޭވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އަދިވެސް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަޝަވަރާކުރައްވަމުން ގެންދަވާކަމަށް ޒަމީރު ވިދާޅުވިއެވެ. "މިހާލަތާއެކުވެސް ރައީސްގެ ޕޮލިސީ އަކީ އިގްތިސޯދުގެ ސޯބު ނުހުއްޓި އެނބުރޭނެ ގޮތަކަށް ކުރިއަށްގެންދެވެން،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައިވެސް އިތުރަށް 450 މިލިއަނެއްހާ ފައިސާ ހަމަޖެހިގެންދާނެ ކަމަށާއި، އެފައިސާވެސް އެސް.އެމް.އީގެ ގޮތުގައި އިކޮނޮމީގެ ތެރެއަށް ނެރުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. މީގެ މައިގަނޑު މަގްސަދަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް އާއި ލޯނު ދޫކޮށްގެން ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދިނުމެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޕްރައިވެޓް ސެކްޓަރގެ ވަޒީފާތައް އިތުރުކޮށް ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަކީ ރައީސުލްޖުމްޙޫރިއްޔާ ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ. އެހެންކަމުން، ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ވަޒީފާ ގެއްލޭ ފަރާތްތަކަށް އަމިއްލަ މަސައްކަތުން ކުރިއަށް ދިއުމުގެ ފުރުސަތު މި ލޯނުތަކުގެ އެހީގައި ފަހިވެގެންދާނެއެވެ.