ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު އޮޅުވާލާފައިވާ ކަމަށް ބުނެ ޗީފް ސްޕޯކްސްޕާސަން ނޫސްބަޔާނެއް ނެރުއްވައިފި
ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް، 'އަދަދު' ނޫހުގައި ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެން މިއަދު ނޫސްބަޔާނެއް ނެރުއްވައިފިއެވެ.
މި ބަޔާނަކީ 20 އޭޕްރީލް 2026 ގައި އެ ނޫހުގައި ލީވާން ޢަލީ ނާޞިރު ލިޔެފައިވާ ޚަބަރަކާ ގުޅިގެން ނެރުއްވި ބަޔާނެކެވެ.
ސަރުކާރުގެ ތަރުޖަމާނު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، "ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި" ސުރުޚީގެ ދަށުން ލިޔެފައިވާ ޚަބަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޖަވާބެއްގެ މާނަ އޮޅުވާލައިގެން ލިޔެފައިވާ ޚަބަރެއް ކަމަށެވެ.
މި ޚަބަރަކީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމެއްގައި އެހެން މީޑިއާއަކުން ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބަށް ރިފަރެންސްކޮށް ލިޔެފައިވާ ޚަބަރެކެވެ. ނަމަވެސް، އެ ޚަބަރުގެ ސުރުޚީއާއި އޭގައި ހިމެނޭ ވާހަކަތަކަކީ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަޤްޞަދާ މުޅިން ޚިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ވާހަކަތަކެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މުޙައްމަދު ޙުސައިން ޝަރީފް އިތުރަށް ވިދާޅުވީ، މިއީ ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ލިޔެފައިވާ "އަން-އެތިކަލް އަދި އަން-ޕްރޮފެޝަނަލް" ލިޔުމެއް ކަމަށެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން ކަމުގެ ޙަޤީޤަތް ސާފުކޮށް ހާމަކުރަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ފަރާތްތަކަށް ވަނީ އަރުވާފައެވެ.