ބޮޑުތަކުރުފާނު މަގު ފުޅާކުރުން: ސެގްމެންޓް ފަހެއް ގެ ބިންހިއްކުމުގެ މަސައްކަތް ނިންމާލައިފި
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހަދަމުންދާ ސަރަހައްދުގެ ބިން ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލައިފިއެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ހާމަކުރި ގޮތުގައި، މިވަގުތު ކުރިއަށްދަނީ ފެނާއި ނަރުދަމާގެ ހޮޅިތައް އެޅުމުގެ އިތުރުން، ދުވާރުގައި ގައު ޖެހުމާއި މަގު ބައްތިތައް ހަރުކުރުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން، ދުވާރު ހެދުމާއި ކަރަންޓު ކޭބަލްތަކަށް ބޭނުންވާ ވަޅުގަނޑުތައް ކޮނުމާއި ޓޭންކްތައް ބެހެއްޓުމުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި މިހާރު ވަނީ ނިމިފައެވެ. އުންމީދަކީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި ހުރިހާ ކަމެއް އެއްކޮށް ނިންމާލުމެވެ.
މަޝްރޫޢުގެ ސެގްމެންޓް ދޭއް، ތިނެއް އަދި ހަތަރެއް ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، މިހާތަނަށް 145 މީޓަރުގެ ސަރަހައްދެއްގައި މި މަސައްކަތް ވަނީ ނިންމާލެވިފައެވެ. އެމްޓީސީސީން ބުނާ ގޮތުގައި އަންނަ ހަފުތާގައި ޝީޓް ޕައިލްކޮށް ނިމުމުން، ފެން ހިންދާ ނިޒާމާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ފެށޭނެއެވެ.
މި މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ތަރައްޤީ ކުރަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް 700 މީޓަރުގެ ސަރަހައްދެވެ. މީގެ ތެރޭގައި 610 މީޓަރުގެ އެއްގަމު ތޮށި އައުކުރުންވެސް ހިމެނެއެވެ. މީގެ އިތުރުން، ފަސް ވަނަ ސެގްމެންޓްގެ މަސައްކަތުގެ 45 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
މާލޭގެ އުތުރު ފަރާތުގެ މޫނުމަތި ބަދަލުކޮށްލާނެ މި މަޝްރޫޢަކީ، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.