އަތޮޅު ކައުންސިލުތައް އުވާލުމުން ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ދީފި
އަތޮޅު ކައުންސިލުތަކާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމަށް ނިންމުމާ ގުޅިގެން، އިދާރީ ދާއިރާތައް ހިންގުމުގައި ޤާނޫނީ ހުސްކަމެއް އަތުވެދާނެ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން ހާމަކޮށް އެކަމުގެ ތަފްސީލް ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންނެވެ. މި އުސޫލުގެ ދަށުން ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ޤާނޫނުއަސާސީން ލާޒިމުކުރާ ކަމެކެވެ. އެހެންކަމުން، މި ކައުންސިލުތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ޒިންމާއެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގެ ދަށުން، އަތޮޅު ކައުންސިލުތައް އުވާލުމަށްފަހު އެ ކައުންސިލުތަކުން ފޯރުކޮށްދެމުންދިޔަ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ މިހާރު މަތިކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށެވެ. މީގެ އިތުރުން، އަތޮޅު ކައުންސިލުތަކުގެ ނަމުގައި ހުރި އެންމެހާ މުދަލާއި ވަސީލަތްތައް ވެސް ބަދަލުވެގެންދާނީ އެ އޮތޯރިޓީގެ ދަށަށެވެ.
މި ބަދަލާއެކު، އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ޤާއިމްކުރުމުގެ އިޚްތިޔާރު ވެސް ލާމަރުކަޒީ ޤާނޫނުގެ 17 ވަނަ އިސްލާހުން އެ އޮތޯރިޓީއަށް ލިބިދީފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، އަތޮޅު ކައުންސިލުތައް އުވާލުމަކީ އިދާރީ ހިންގުމަށް ބުރޫއަރާނެ ކަމެއް ނޫން ކަމަށް ބަޔާނުގައިވެއެވެ.
މި ނިންމުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ބަދަލެއް ކަމަށް ބެލެވެއެވެ.