ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްގު 6093 މީހުންނަށްލިބިފައިވޭ: އީސީ
ކުރިއަށް އޮތް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ފުރުސަތު ލިބިފައިވާ މީހުންގެ ދަފުތަރު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނެރެފައެވެ.
އީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 6،093 މީހަކަށް ވޯޓުލުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
ވޯޓު ފޮށިތައް ބަހައްޓާނެ ސަރަހައްދުތަކާއި ވޯޓުލާ މީހުންގެ ލިސްޓު އާންމުކޮށްފައިވާއިރު، އެ ލިސްޓުތަކުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ކަންކަން މިއަދު މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް އިންތިޚާބީ މަރުކަޒުގައި ކުރިއަށްދާނެއެވެ.
މިފަހަރުގެ އިންތިޚާބުގައި ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިތަކަށް ވޯޓުލުން ބާއްވަނީ ބ. ދޮންފަނާއި ފުވައްމުލަކު ސިޓީގެ ދަނޑިމަގު ދާއިރާގައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮންނާނީ ހއ. ކެލާ، ހދ. ނޭކުރެންދޫގެ އިތުރުން ލ. މާވަށުގައެވެ.
ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދުތަކަށް ބަލާއިރު، ކެލާ އިން 1،729 މީހުން، ނޭކުރެންދޫ އިން 1،056 މީހުން، ދޮންފަނުން 441 މީހުން، މާވަށުން 1،556 މީހުން އަދި ފުވައްމުލަކު ދަނޑިމަގު ދާއިރާއިން 1،311 މީހުންނަށް ވޯޓުލެވޭނެއެވެ.
މި އިންތިޚާބަށް ޖުމްލަ 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 6 ފޮއްޓެއް މާލޭގައި ބަހައްޓާއިރު، މާލޭގައި ވޯޓުލުން ކުރިއަށްދާނީ ތާޖުދިއްދީން ސްކޫލާއި، ހިރިޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލުގައެވެ.
އޭޕްރީލް 18 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ވޯޓުލުން ކުރިއަށްދާނެއެވެ. ވޯޓުލާ ނިމުމާއެކު ފޮށިތައް ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށާއި، ރަސްމީ ނަތީޖާ އޭޕްރީލް 19 ގައި ހާމަކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.