ފްލެޓާއި ލާމަރުކަޒީ ނިޒާމަކީ މައުމޫންގެ ފެށުމެއް: ސަލީމް
ރާއްޖޭގައި ލާމަރުކަޒީ ނިޒާމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އެންމެ ފުރަތަމަ ފެއްޓެވީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ކަމަށާއި، އެއީ އެމްޑީޕީން ކުރި ކަންކަން ކަމަށް ބުނެ އެ ޕާޓީން ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީން އުޅެނީ ތާރީޚު އޮޅުވާލައިގެން ރައްޔިތުންނަށް ނުބައި މަގަކުން ވިސްނައިދޭށެވެ. އަދި އިންތިޚާބުތައް ގިނަވުމުން ލިބޭ ރިޝްވަތު އިތުރުވާނެ ކަމަށް ބުނެ ކެމްޕޭންތަކުގައި ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަކީ ވެރިކަމުގެ ބާރަށް ނުހަނު ބޭނުންވެފައިވާ ބައެއްގެ ގޮތުގައި ސިފަކުރައްވަމުން، ރައީސް ޔާމީންގެ ދައުރުގައި ބިނާކުރި ހިޔާ ފްލެޓްތައް އެމްޑީޕީން ވެރިކަމަށް އައިސް އޭގެ ހައްގުވެރިންނަށް ނުދީ ބަހާލާފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފްލެޓްތަކުގެ ކުލި ބޮޑުވެ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނީ އެ ސަބަބާ ހުރެއެވެ. މީގެ އިތުރުން މިހާރު ދޫކުރަން ތައްޔާރުވަމުންދާ 4000 ފްލެޓްގެ މައްސަލައިގައިވެސް ކަންބޮޑުވުންތަކެއް ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، މި ސަރުކާރުން ރޭވުންތެރިކަމާއެކު މަޝްރޫޢުތައް ކުރިއަށްގެންދާނެ ކަމަށާއި، ނަމަވެސް ކޮންމެ ކަމަކީވެސް ވަގުތު ނަގާނެ ކަންކަން ކަމަށެވެ. އަދި ހުރިހާ ތަރައްޤީގެ މަސައްކަތްތަކެއްވެސް ތަރުތީބުން ނިންމާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ވާހަކަ ނިންމަވާލައްވަމުން ސަލީމް ވިދާޅުވީ، މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 12 މެންބަރުންނަށް ދޫނުދެއްވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ވަރަށް ސާބިތުކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.