ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްއިން "އެންޓިބަޔޮޓިކް ރެސިސްޓެންސް" އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި
ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ސައިންސް ޑިޕާޓްމަންޓުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އާ ގުޅިގެން ބަޔޮލޮޖީ ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން އެންޓިބަޔޮޓިކް ރެސިސްޓެންސްއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
ސެޝަން ކުރިއަށް ގެންދެވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑައިރެކްޓަރ އޮފް ފާމަސޫޓިކަލްސް އަލްފާޟިލާ ޢާއިޝަތު ޖަލީލާއެވެ. އެކަމަނާ ވަނީ އެންޓިބަޔޮޓިކް ބޭނުންކުރުމާއި، އެންޓިމައިކްރޯބިއަލް ރެސިސްޓެންސްގެ ސަބަބުން ކުރިމަތިވަމުންދާ ނުރައްކާތަކާ ގުޅޭގޮތުން ވަރަށް ޝައުގުވެރި އަދި މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައިދެއްވާފައެވެ. އަދި މިއީ ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައިވެސް އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ސެޝަންގެ މައިގަނޑު މަގްސަދަކީ ޒިންމާދާރުކަމާއެކު އެންޓިބަޔޮޓިކް ބޭނުންކުރުމާ މެދު ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، ނުބައިކޮށް އަދި މިންވަރަށްވުރެ އިތުރަށް އެންޓިބަޔޮޓިކް ބޭނުންކުރުމުގެ ސަބަބުން ބަލިޖައްސާ ޖަރާސީމުތައް އެ ބޭހަށް ނުގުޑާ ގޮތްވުމަށް ނުވަތަ ރެސިސްޓެންޓްވުމަށް މަގުފަހިވާކަން މި ސެޝަންގައި ވަނީ ބަޔާންކޮށްދީފައެވެ. އެންޓިބަޔޮޓިކް ރެސިސްޓެންސްގެ ސަބަބުން ސިއްހީ ނިޒާމަށް ކުރާ އަސަރުތަކާއި، މި މައްސަލައާ ދެކޮޅަށް މަސައްކަތް ކުރުމުގައި ފަރުދީ ގޮތުން އަދާކުރެވިދާނެ ދައުރާ ބެހޭގޮތުން ދަރިވަރުންނަށް އަގުހުރި މަޢުލޫމާތުތަކެއް މި ސެޝަންގެ ތެރެއިން ލިބިގެންދިޔައެވެ.
މިފަދަ މުހިންމު ތަޢުލީމީ ހަރަކާތެއް ކުރިއަށް ގެންދިއުމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދެއްވި އެއްބާރުލުމަށްޓަކައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްއިން ވަނީ ޝުކުރު އަދާކޮށްފައެވެ. މިފަދަ ސެޝަންތަކަކީ ދަރިވަރުންގެ އެކަޑެމިކް އަދި ފަންނީ ކުރިއެރުމަށް ބޭނުންވާ، އަމަލީ މައިދާނާ ގުޅުންހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް އެ މުއައްސަސާއިން ކުރަމުންދާ މަސައްކަތްތަކުގެ ބައެކެވެ.
ސެޝަން ނިންމުމުގެ ގޮތުން، އަލްފާޟިލާ ޢާއިޝަތު ޖަލީލާ ދެއްވި އަގުހުރި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެކަމަނާއަށް ހަނދާނީ ލިޔުމަކާއި ހަދިޔާއެއް ވަނީ އެރުވިފައެވެ.