Advertisement

އެމްއެމްއޭއާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށްގެންދިޔަ ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

13 Apr 2026 | 10:43
އެމްއެމްއޭއާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށްގެންދިޔަ ދިވެހިބަހަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމްގެ ތެރެއިން /ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދިނުމަށް އެކެޑަމީން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ހިންގުނު ޕްރޮގްރާމެކެވެ.

Advertisement

މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 2026 އެޕްރީލް ހަތަރަކުން، ނުވައަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައެވެ. ބުރުތަކަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގެ ކޮންމެ ބުރެއްގައި 15 ގަޑިއިރުގެ ކިޔަވައިދިނުން ހިމެނެއެވެ. މިފަހަރު ނިންމާލެވުނީ މި ސިލްސިލާގެ ފުރަތަމަ ބުރެވެ.

މި ކޯހުގެ މުގައްރަރު ބިނާކޮށްފައިވަނީ ދިވެހިބަހުގެ ގަވާއިދާއި، ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތްތަކުގެ މައްޗަށެވެ. މީގެ އިތުރުން އޮފީސްތަކުގައި އާންމުކޮށް ލިޔެއުޅޭ ލިޔުންތައް އިބާރާތްކުރާނެ ގޮތްތަކާއި، ދިވެހިބަހުން ރީތިކޮށް މުއާމަލާތްކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދީފައިވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ. އޭގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީގެ ބަހުގެ ބައިގެ ޑިރެކްޓަރ ޝަހުމާ ޢަލީއާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދާރިސް އަލްފާޟިލް ޢަބްދުﷲ ޖަމީލުގެ އިތުރުން، ބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފުންނާބުއުސް ބޭފުޅެއް ކަމަށްވާ އަލްފާޟިލް އަޝްރަފް ޢަލީ ހިމެނެއެވެ.

ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ. އެމަނިކުފާނު ވަނީ ތަމްރީނުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވާފައެވެ. މި ހަފުލާގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ އިތުރުން އެމް.އެމް.އޭގެ އިސް ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކޮމެންޓް