Advertisement

ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ސޮއި ހަމަކުރަނީ

08 Apr 2026 | 15:24
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ، ރައީސް ސޯލިހާއެކު -

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ގައުމީ މަޖިލީހުގެ 65 މެންބަރުންގެ ތާއީދާއެކު އެ މަގާމަށް އިންތިހާބުކުރި ގަޕޯ ވަކިކުރުމަށް ހުށަހަޅާ މި ޕެޓިޝަނުގައި ރޭގެ ނިޔަލަށް 50 އަށްވުރެ ގިނަ މެންބަރުން ވަނީ ސޮއިކޮށްފައެވެ.

Advertisement

އެގޮތުން، މި ޕެޓިޝަނުގެ މައިގަނޑު ބޭނުމަކީ ޗެއާޕާސަންގެ މަގާމުން ގަޕޯ ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އެދުމެވެ. ޕާޓީގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ގައުމީ މަޖިލީހުގެ އާދައިގެ އަޣުލަބިއްޔަތުން ޗެއާޕާސަން މަގާމުން ވަކިކުރެވޭނެއެވެ. އަދި ގައުމީ މަޖިލީހުގެ 10 މެންބަރަކު ސޮއިކޮށް ހުށަހަޅައިފިނަމަ، އެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުން ލާޒިމްވެއެވެ.

ގަޕޯ މަގާމުން ވަކިކުރުމުގެ ހަރަކާތްތައް ވަރުގަދަވެފައި މިވަނީ، ޕާޓީގެ އިދާރީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ވަކިކުރިކަން އަންގައި ގަޕޯ ސޮއިކުރައްވައި ސިޓީ ފޮނުއްވި މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ބޭފުޅުން މަގާމުން ވަކިކުރި ސަބަބެއް އެ ސިޓީގައި ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.

މިކަމާ ގުޅިގެން އިބުރޭ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އޭނާ މަގާމުން ވަކިކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދާ މުޅިން ހިލާފަށް ކަމަށެވެ. އަދި ގަޕޯގެ ނިންމެވުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ބަސްފުޅު ވިދާޅުވުމުގެ ފުރުސަތު އެޖެންޑާއިން އުނިކުރި މައްސަލައިގައި، އެމްޑީޕީގެ އެތެރޭގެ ނުތަނަވަސްކަން އަނެއްކާވެސް ވަނީ އިތުރުވެފައެވެ.

މި މައްސަލައާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކާ ހުރެ، ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެ ޖަލްސާ ބޮއިކޮޓް ކުރިއެވެ. ނަމަވެސް، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ގަޕޯ ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް ފުރުސަތު އެރުވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މަސްލަހަތު ގެއްލޭ ފަދަ ވާހަކަތަކެއް ބަޔަކު ފެތުރީއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ގަޕޯ ވަގުތީ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ، ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒު އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފައްޔާޒުގެ އިސްތިއުފާގެ ފަހުން ގަޕޯ އެ މަގާމަށް އިންތިޚާބުވެވަޑައިގަތީވެސް، ޕާޓީގެ އެތެރޭގައި އުފެދިފައިވާ ފެކްޝަން ކޯޅުންތަކުގެ ތެރެއިންކަން ފާހަގަކުރެވެއެވެ.

Advertisement

ކޮމެންޓް