ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި
ލ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މިކަމަށްޓަކައި ލ. ފޮނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޚިދުމަތް ފައްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޡާރިޤު އިބްރާހީމެވެ.
މި އަތޮޅުގައި ޚިދުމަތް ދިނުމަށް ބޭނުންކުރާނީ 48 މީހުންގެ ޖާގައިގެ ދެ ލޯންޗެވެ. އެ ލޯންޗުތަކުގައި ހަތަރު ޖާގަ ޚާއްޞަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ލޯންޗުތަކެކެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް މި ޚިދުމަތް ލިބޭނެއެވެ.
އާރުޓީއެލް ޚިދުމަތް ކޮންމެ އަތޮޅެއްގައި ވެސް ފެށެނީ ފުރަތަމަ ހަފުތާގައި ހިލޭ ދަތުރުކުރެވޭ ގޮތަށް، ރައްޔިތުން އަހުލުވެރިކުރުމަށް ފަހުގައެވެ. އެއަށް ފަހު ސަރުކާރުން ސަބްސިޑައިޒްކުރާ ހެޔޮ އަގެއްގައި ޚިދުމަތް ދެމުން ގެންދެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޡާރިޤު ވިދާޅުވީ، އާރުޓީއެލް ފެރީގެ ޚިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި ވީހާ ވެސް އަވަހަށް ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި "ހުރިހާ ރަށެއް ގުޅުވާލުމުން އިޤްތިޞާދީ ގޮތުން މިއަށްވުރެ ބޮޑަށް ކުރިއަރައިގެންދާނެ" ކަމަށް ވިދާޅުވިއެވެ.
2022 ވަނަ އަހަރު ފެށި އާރުޓީއެލް ޚިދުމަތް މިއަދާ ހަމައަށް 15 އަތޮޅެއްގައި ވަނީ ފަށައިފައެވެ. މިހާރު 145 ރަށަކަށް މި ޚިދުމަތް ލިބެމުންދެއެވެ. މި ޚިދުމަތް ނުފެށި ވަނީ މ. އަތޮޅާއި ޒޯން ތިނެއްގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅެވެ. މި އަހަރުގެ މެދާ ހަމައަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ޤާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.