Advertisement

އދ. ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ދިވެހިރާއްޖެއިން ހުށަހެޅި ކެންޑިޑޭޓުގެ ނަން އަނބުރާ ގެންގޮސްފި

28 Mar 2026 | 11:34
-

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދިވެހިރާއްޖެއިން ހުށަހެޅި ވާޖިނިއާ ގަމްބާގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އާންމު މަޖިލީހުގެ ރައީސްގެ ތަރުޖަމާނު ލަ ނީސް ކޮލިންސް ހާމަކުރައްވައިފިއެވެ. 

އާޖެންޓީނާގެ ރައްޔިތެއް ކަމަށްވާ ގަމްބާގެ ނަން ރާއްޖެއިން ހުށަހެޅީ ކޮން ސަބަބަކާ ހުރެކަން ސާފުނުވާއިރު، ނަން އަނބުރާ ގެންދިޔަ ސަބަބެއްވެސް ރާއްޖެއިން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

މީގެ އިތުރުން ޗިލީން ހުށަހެޅި މިޝޭލް ބެޗެލެޓްގެ ނަން އެ ގައުމުން އަނބުރާ ގެންގޮސްފައިވީ ނަމަވެސް، ބްރެޒިލް އަދި މެކްސިކޯގެ ތާއީދު އޮތުމުން އޭނާގެ ނަން އަދިވެސް ކެންޑިޑޭޓުންގެ ލިސްޓުގައި އޮންނާނެއެވެ. ނަމަވެސް ބެޗެލެޓްގެ ބައެއް ނިންމުންތަކާ ހުރެ އެމެރިކާގެ ބައެއް މެންބަރުން އޭނާއާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީ، ސަލާމަތީ މަޖިލީހުގައި އެމެރިކާއިން އޭނާ ވީޓޯ ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. 

މި ބަދަލުތަކާއެކު މިހާރު ވާދަކުރައްވާ ކެންޑިޑޭޓުންގެ އަދަދު ވަނީ ތިނަކަށް މަދުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮސްޓަރީކާގެ ރެބެކާ ގްރިންސްޕަން، ސެނެގާލްގެ މެކީ ސާލް އަދި އާޖެންޓީނާގެ ރަފައެލް ގްރޮސީއެވެ. އދ. ގެ 80 އަހަރުވީ ތާރީޚުގައި މިހާތަނަށް އަންހެން އިސްވެރިޔަކު އައްޔަންކޮށްފައި ނުވާތީ، އަންހެން ކެންޑިޑޭޓަކަށް މި މަގާމު ދިނުމަށް ބޮޑެތި ފިއްތުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ކެންޑިޑޭޓުން ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، އޭޕްރީލް މަހުގެ ފަހުކޮޅު ކެންޑިޑޭޓުންގެ އިންޓަރެކްޓިވް ސެޝަންތަކެއް ކުރިއަށްދާނެއެވެ. އދ. ގެ ޗާޓަރުގައިވާ ގޮތުން ސެކްރެޓަރީ ޖެނެރަލް އައްޔަން ކުރަނީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން އާންމު މަޖިލީހުންނެވެ. އެހެންކަމުން، މި ނިންމުމުގައި ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެންބަރުންގެ ނިންމުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.

Advertisement

ކޮމެންޓް