ޣައްޒާ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އިޤުތިޞާދަށް 57 ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނު
ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ ލޭއޮހޮރުވުންތަކަށް ދެ އަހަރު ފުރުނުއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން އެ ޤައުމުގެ އިޤުތިޞާދަށް 57 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ގެއްލުން ލިބިފައިވާކަން ހާމަވެއްޖެއެވެ.
ބޭންކް އޮފް އިސްރާއީލުގެ 2025 ވަނަ އަހަރުގެ ރިޕޯޓާ ޙަވާލާދީ ބްލޫމްބާގުން ހާމަކޮށްފައިވާ ގޮތުގައި، 2023 އިން 2025 އަށް އެ ޤައުމަށް ލިބުނު 177 ބިލިއަން ޝެކެލްގެ މި ގެއްލުމަކީ އެ ޤައުމުގެ އަހަރީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ 8.6 އިންސައްތައެވެ.
މި ބޮޑު އިޤުތިޞާދީ ހީނަރުކަމުގެ އަސްލަކީ ޣައްޒާގައި ހިންގާ ޤަތުލުޢާންމާއި ލުބުނާނަށް ދެމުންދާ ޙަމަލާތަކަށް ކުރަންޖެހޭ ޚަރަދުތަކެވެ. ނަމަވެސް، އީރާނާއެކު މިހާރު ހިނގަމުންދާ ހަނގުރާމައިގެ އަސަރުތައް މި ހިސާބުތަކުގައި އަދި ހިމަނާފައެއް ނުވެއެވެ. ހަނގުރާމައިގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި 2026 ވަނަ އަހަރުގެ ބަޖެޓަށް އިތުރު 13 ބިލިއަން ޑޮލަރު އިތުރުކުރުމަށް އިސްރާއީލުގެ ކެބިނެޓުން މި މަހު ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ ސިޔާސަތުތަކަށް ފާޑުކިޔާ ޔޫރަޕްގެ އަށް ޤައުމަކަށް ކުރާ އެކްސްޕޯޓް 2024 ގައި އެއް ބިލިއަން ޑޮލަރު އަދި 2025 ގައި 1.5 ބިލިއަން ޑޮލަރު ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ސިޔާސީ ނިންމުންތަކުގެ ސަބަބުން ވިޔަފާރިއަށް ކުރާ ނޭދެވޭ އަސަރެއް ކަމަށް މަރުކަޒީ ބޭންކުން ދެކެއެވެ. އަދި މިދިޔަ ޖޫން މަހު އީރާނާއެކު ކުރި ކުރު ހަނގުރާމައިގެ ސަބަބުންވެސް ޖީޑީޕީގެ 0.3 އިންސައްތަ ވަނީ އުނިވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 172,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ މުޅިން ސުންނާފަތިވެފައެވެ.