ލޮޖިސްޓިކްސް މައި ނެޓްވޯކަށް ވަނުމުގެ ފުރުޞަތު އަމިއްލަ ކުންފުނިތަކަށް!
ރާއްޖޭގެ ލޮޖިސްޓިކްސް ނިޒާމު ހަރުދަނާކުރުމަށް ޤާއިމްކޮށްފައިވާ މައި ވިއުގައާ ގުޅުމުގެ ފުރުޞަތު އަމިއްލަ ކުންފުނިތަކަށް މިހާރު ލިބިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މި ނެޓްވޯކަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ނިޒާމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ، މާލެ، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގެ ބައިނަލްއަޤުވާމީ ބަނދަރުތައް ގުޅުވައިދޭ "އެންކާ" ނެޓްވޯކްގެ ތެރެއިން އަމިއްލަ ވިޔަފާރިތަކަށް އައު ފުރުޞަތުތަކެއް ފަހިވާނެ ކަމަށެވެ. ނަމަވެސް، ކޮންމެފަދަ ޙާލަތެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކަށް ވާތީ، މި ނިޒާމު ހިންގުމުގެ އިސް ޒިންމާ އުފުލާނީ އެމް.ޕީ.އެލް އިން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް މެދުއިރުމަތީގެ މަސްރަޙު މިހާރު އޮތްގޮތުން މިފަދަ ނިޒާމެއްގެ ބޭނުންތެރިކަން ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، ޤައުމީ ފެންވަރުގައި މުދާ ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިކި މުދަލާއި ފިނިކުރި މުދާ ރައްކާކުރާނެ ގުދަންތައް ބިނާކުރެވެމުންދާ ކަމަށާއި، މިކަމުގެ ސަބަބުން އާބަން ސެންޓަރުތަކާއި ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގައި ބޮޑެތި ލުއިތަކެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބޭރުގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ ދަތިކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ނަމަވެސް، އެސް.ޓީ.އޯ އިން ތެލާއި ގޭހުގެ ސްޓޮކް ހުސްނުވެ ބެލެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. އަދި ރާއްޖޭގެ ތިން ސަރަޙައްދެއްގައި އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށްވެސް ވަޒީރު ސަޢީދު އިތުރަށް ވިދާޅުވިއެވެ.