Advertisement

"ޓީބީއާގުޅޭ ސައްޙަ މަޢުލޫމާތާއެކު ބަލިމީހާއާމެދު އޯގާތެރިވާންޖެހޭ"

24 Mar 2026 | 12:50
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުން /ފޮޓޯ: ރައީސް އޮފީސް

ޓީބީ ބައްޔާ ގުޅޭގޮތުން ރަނގަޅު މަޢުލޫމާތު ފެތުރުމުގެ މުހިންމުކަމާއި، ބަލިޖެހިފައިވާ މީހުންނަށް އަޅާލުމާއި އޯގާތެރިކަން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބާރުއަޅުއްވައިފިއެވެ.

ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި، ޓީބީއަކީ ހަމައެކަނި ތަފާސްހިސާބުތަކަކުން ފެންނަ އަދަދުތަކެއް ނޫނެވެ. ކޮންމެ ބަލިމީހަކީވެސް އެމީހެއްގެ ދިރިއުޅުމާއި، އާއިލީ އުފާވެރިކަމާއި، ކުރިމަގުގެ އުންމީދުތަކަށް މި ބަލީގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާ ފަރާތެއްކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ.

Advertisement

ޓީބީއަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭ އަދި ފަރުވާކޮށްގެން ފަސޭހަވާ ބައްޔަކަށް ވީނަމަވެސް، މުޖުތަމައުގައި މި ބައްޔާ މެދު އޮންނަ ނުރަނގަޅު ވިސްނުމާއި މަޢުލޫމާތު މަދުވުމުގެ ސަބަބުން، ގިނަ ބަޔަކަށް ބޭނުންވާ ފަރުވާ ހޯދުމަށް ދަތިތަކާ ކުރިމަތިވާކަން ސާޖިދާ މުޙައްމަދު ފާހަގަކުރެއްވިއެވެ. އެކަމަނާ ވިދާޅުވި ގޮތުގައި މި ބަލި ނައްތާލެވޭނީ ހަމައެކަނި ބޭސްފަރުވާއަކުން ނޫނެވެ. އޭގެ ބަދަލުގައި އެކަކު އަނެކަކަށް އެހީތެރިވާ މާހައުލެއް އުފައްދައި، ބަލިމީހުންނާ މެދު ބާކީކުރުމުގެ ބަދަލުގައި އޯގާތެރިކަން އިސްކޮށްގެންނެވެ.

މީގެ އިތުރުން، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ފަރުވާ ހުރި ބައްޔެއްގެ ސަބަބުން އެއްވެސް މީހަކު ތަކުލީފު އުފުލަން ނުޖެހޭނެކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާ ގުޅިގެން ރާއްޖެއިންވެސް ދަނީ ޓީބީ ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2030 ވަނަ އަހަރު އަންނައިރު، ރާއްޖޭގައި ޓީބީއަކީ އާންމު ސިއްޙަތަށް ނުރައްކާ ނުވާ މިންވަރަށް މަދުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

Advertisement

ކޮމެންޓް