އުރީދޫ "ކަރާ ފެޅުން" މާރިޗު 26 އާ ހަމައަށް ދިގުދަންމާލައިފި
އުރީދޫ މޯލްޑިވްސް އިން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ "ކަރާ ފެޅުން" ގޭމިން ހަރަކާތުގެ މުއްދަތު އިތުރުކޮށް، 100,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ހުރިހާ ޓީމެއްގެ ބައިވެރިންނަށް ހުޅުވާލައިފިއެވެ.
އުރީދޫން ބުނީ މި ހަރަކާތް މިހާރު މާރިޗު 26، 2026 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މުއްދަތު އިތުރުކުރީ މުޅި ރާއްޖެއިން މި ހަރަކާތަށް ލިބެމުންދާ ބޮޑު ތަރުހީބަށް ބެލުމަށްފަހު ކަމަށް އެ ކުންފުނިން ބުނެއެވެ. ކުރިން ވަކި ލަޝްކަރަކަށް ޚާއްޞަވެފައި އޮތް ގްރޭންޑް ޕްރައިޒް މިހާރު ވަނީ ރަތް ލަޝްކަރާއި ނޫ ލަޝްކަރުގެ ހުރިހާ ކުޅުންތެރިންނަށް ހުޅުވާލާފައެވެ.
100,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލްގައި އެންމެ ފަހުގެ ދެ ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް އަދި އައިފޯން 17 ޕްރޯ މެކްސް ފަދަ އިނާމުތައް ހިމެނެއެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ލިބޭ ހަދިޔާތަކުގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމުތަކާއި، އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ހިމެނޭ ކަމަށް އުރީދޫން ބުނެއެވެ.
މި ބަދަލާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ "ކަރާ ފެޅުމަށް ވަރަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުން. މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަސްޓަމަރުން މި ހަރަކާތުގައި ބައިވެރިވާތަން ފެނުމަކީ ލިބޭ އުފަލެއް" ކަމަށެވެ.
އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ "ކަރާ ފެޅުން" އަކީ ކަރާ ކުއެސްޓް ފަދަ ފީޗާތައް މެދުވެރިކޮށް ޓީމަށް ޕޮއިންޓް ހޯދައި، ވާދަވެރިކަމާއެކު ކުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ރަމަޟާން މަހުގެ މަޤުބޫލު ގޭމިން ހަރަކާތެކެވެ.