ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
މިއަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ބަލައިގަތުމުގެ އިންތިޒާމް މޯލްޑިވްސް ޒަކާތު ހައުސްއިން ހަމަޖައްސައި، އެ މަސައްކަތް ފަށައިފިއެވެ.
މާލޭ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހު ގޮވާމުން ޒަކާތް ބަލައިގަތުމަށް ވަނީ ތާވަލުކޮށްފައެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ މިމަހުގެ 14 އަދި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. އަދި މި މަހުގެ 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 އިން 15:00 އަށް ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.
އާދައިގެ ހަނޑޫ
ތައިލެންޑް ހަނޑޫ
ބާސްމަތީ ހަނޑޫ
ރަތް ހަނޑޫ
ގޮދަން ފުށް
އާޓާ ފުށް
ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ޒަކާތު ހައުސްއިން މިހާރު ވަނީ އިންތިޒާމްތައް ފަހިކޮށްދީފައެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު ޒަކާތުގެ ގޮތުގައި 5.4 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ވޭތުވެދިޔަ ތިން އަހަރާ އަޅާބަލާއިރު، ރަމަޟާން މަހުގެ ފުރަތަމަ 15 ދުވަހު އެންމެ ގިނަ ޢަދަދަކަށް ޒަކާތް ލިބުނު އަހަރުކަން ފާހަގަކުރެވެއެވެ.