އުރީދޫ މޯލްޑިވްސްގެ އަހަރީ ޢާންމު ޖަލްސާ ބާއްވައި، ހިއްސާއަކަށް 3.54 ރުފިޔާ ބެހުމަށް ފާސްކޮށްފި
އުރީދޫ މޯލްޑިވްސް ޕލކ.ގެ 2026 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާ ރޭ ބާއްވައި، 2025 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 3.54 ރުފިޔާ ބެހުމަށް ހިއްސާދާރުން ފާސްކޮށްފިއެވެ.
ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަރުގައި ރޭ 21:30 ގައި ބޭއްވި މި ޖަލްސާގައި ހިއްސާދާރުން ވަނީ ހާޒިރުވެގެންނާއި، މޯލްޑިވްސް ސެކިއުރިޓީޒް ޑެޕޮޒިޓަރީ ކޮމްޕެނީގެ "ފަހިވޯޓް" ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ބައިވެރިވެފައެވެ. ޖަލްސާގައި 353 ހިއްސާދާރުން ބައިވެރިވިއިރު، އޭގެ ތެރެއިން 144 ހިއްސާދާރުން ހާޒިރުވީ ސީދާ ޖަލްސާއަށެވެ. އަދި 27 ޕްރޮކްސީ ހޯލްޑަރުން ވަނީ 209 ހިއްސާދާރުން ތަމްސީލުކޮށްފައެވެ. ޖަލްސާގައި ތަމްސީލުކުރެވުނު ހިއްސާގެ ޖުމުލަ ޢަދަދަކީ 144,202,029 ހިއްސާއެވެ. އެއީ ޖުމުލަ ހިއްސާގެ 98 އިންސައްތައެވެ.
ޖަލްސާގެ އެޖެންޑާއާ އެއްގޮތަށް، ހިއްސާދާރުން ވަނީ 2025 ވަނަ އަހަރުގެ މާޗް 9 ގައި ބޭއްވި އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާއާއި، 2025 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކާއި އޮޑިޓަރުގެ ރިޕޯޓާއި، ޑިރެކްޓަރުންގެ ރިޕޯޓް ފާސްކޮށްފައެވެ. އަދި 2026 ވަނަ އަހަރުގެ އޮޑިޓަރުންގެ ގޮތުގައި ކޭޕީއެމްޖީ ހަމަޖެއްސުމާއި އެ ފަރާތުގެ އުޖޫރަ ވެސް ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން، އެންމެ ބޮޑު ހިއްސާދާރު ވަތަނިއްޔާ އިންޓަނޭޝަނަލް އެފްޒެޑް-އެލްއެލްސީގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ފާތިމާ ސުލްޠާން އަލް-ކުވާރީ އަލުން ހޮވުން ފާސްކޮށްފައެވެ. އަދި ޢާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއް ހޮވުމަށް ބޭއްވި އިންތިޚާބުގައި ޢަބްދުﷲ ޢަލީ ވަނީ ޑިރެކްޓަރެއްގެ ގޮތުގައި އިންތިޚާބުވެފައެވެ.
އުރީދޫ މޯލްޑިވްސް އިން ހާމަކުރި ގޮތުގައި، 2025 ވަނަ އަހަރު އެ ކުންފުނީގެ އާމްދަނީ 2.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޓެކުހަށް ފަހު ސާފު ފައިދާގެ ގޮތުގައި 727 މިލިއަން ރުފިޔާ ލިބިފައިވެއެވެ.