Advertisement

އިދިކޮޅަށް ކުރެވުނު ކަމަކީ ލާމަރުކަޒީ ނިޒާމު "ވިހާފައި" މަގުމަތިކޮށްލުން: ޝިޔާމް

28 Feb 2026 | 13:00
ޕީއެންސީގެ ކުޅުދުއްފުށި ސިޓީގެ މާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވާހަކަދައްކަވަނީ /ފޮޓޯ: ޕީއެންސީ

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން "ބަނޑުއަޅައި ވިހެއި ދަރިއެއް" ކަމަށް ބުނި ނަމަވެސް، އެ ޕާޓީއަށް ކުރެވުނުހާވެސް ކަމަކީ އެ ނިޒާމު ވިހާފައި މަގުމަތިކޮށްލުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށްގެން ހދ. ކުޅުދުއްފުށީގެ މާލޭ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ.

Advertisement

ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ވާހަކަ ދައްކަވަން ފެއްޓެވީވެސް އިދިކޮޅު ފަރާތްތަކުން ނޫން ކަމަށާއި، އެ ބޭފުޅުން އެ ނިޒާމާ ގުޅޭގޮތުން ދައްކަވާ ވާހަކަތަކާ މެދު ސުވާލު އުފެދޭ ކަމަށެވެ. "އެ ބޭފުޅުން އެހެން ވިދާޅުވާ ކަމަށް ވަންޏާ އަޅުގަނޑު ދޭން އޮތް ކްރެޑިޓަކީ މީގައި ވިހައިފި ކަމަށް ވަންޔާމުން، ވިހާފައި މަގުމަތިކޮށްލި ނިޒާމެކޭ މިއީ އެ ބޭފުޅުން." ޝިޔާމް ވިދާޅުވިއެވެ.

މި ސަރުކާރު ހަވާލުވިއިރު ލާމަރުކަޒީ ނިޒާމު އޮތީ ވަރަށް ބޮޑަށް އިހުމާލުކޮށްލާފައި ކަމަށާއި، ކައުންސިލަރުން މަސައްކަތް ކުރާނެ އެކަށީގެންވާ ޖާގައެއްވެސް ގިނަ ރަށްރަށުގައި ނެތް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު 100 އަށްވުރެ ގިނަ ރަށެއްގައި ކައުންސިލް އޮފީސް އިމާރާތް އަޅުއްވަން ޖެހިވަޑައިގަތީ ކުރީ ސަރުކާރުން އެކަމަށް އެއްވެސް އަޅާލުމެއް ދީފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާ އެޅުމަށް އާރުސީސީއާ ހަވާލުކޮށްފައެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިތުރު 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ޝިޔާމް ވިދާޅުވީ ރަށްރަށުގެ އަސާސީ ހިދުމަތްތަކާއި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަން ޖެހިފައިވަނީ މި ސަރުކާރަށް ކަމަށެވެ.

ކައުންސިލްތަކުގެ މާލީ ބާރުވެރިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މީގެ ކުރިން ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތައް އޮތީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށާއި، ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ މީގެ ކުރިން "ނަމެއްގައި" އޮތް ތަންތަން ކަމަށް ވިޔަސް، މި ސަރުކާރުން އެ ކޮމިޓީތަކަށް ބަޖެޓާއި މަސައްކަތް ކުރާނެ ޖާގަ ހަމަޖައްސައިދީ ބާރުވެރިކުރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ޝިޔާމް ވިދާޅުވީ، އަންނަ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބުކުރާ މެމްބަރުންނަށް ރަނގަޅު މުސާރައަކާއެކު މަސައްކަތް ކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިއީ ލާމަރުކަޒީ ނިޒާމު ހަގީގީ މާނައިގައި ބާރުވެރިކުރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

Advertisement

ކޮމެންޓް