ތާރީޚީ ގޮތުން ވެސް ޗާގޯސްގެ ގުޅުން އޮތީ ރާއްޖެއާ، މޮރިޝަސްއަށް ދައުވާނުކުރެވޭނެ: ފަރާޖު
ފޯޅަވަހީގެ ރަށްތަކާ ނުވަތަ ޗާގޯސް އައިލެންޑްސްއާ ތާރީޚީ ގޮތުން ގުޅުން އޮތީ ދިވެހިރާއްޖެއާ ކަމަށާއި، އެ ރަށްތަކުގެ މައްޗަށް މޮރިޝަސްއަށް ދައުވާ ނުކުރެވޭނެ ކަމަށް އިނގިރޭސިވިލާތުގެ އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު ވިދާޅުވެއްޖެއެވެ.
އިނގިރޭސި ޕާލަމެންޓުގެ ހައުސް އޮފް ކޮމަންސްގައި ވާހަކަދައްކަވަމުން ފަރާޖު ވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސި ސަރުކާރުން ކުރާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވާފައެވެ.
ފަރާޖު ވިދާޅުވި ގޮތުގައި، ފޯޅަވަހީގެ ސިޔާދަތީ ބާރުގެ ހައްގުވެރިއަކީ ރާއްޖެ ކަމަށް ބުނެ ރާއްޖެއިން ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ) އަށް މައްސަލަ ހުށަހަޅާނެ ކަމަށް ބެލެވެއެވެ. "މިދިޔަ ހަފުތާ ބަންދުގައި އަޅުގަނޑު ރާއްޖެއަށް ކުރި ދަތުރުން އެނގުނު ކަމެއް ހިއްސާކޮށްލާނަން. މިއީ އަޅުގަނޑަށް ކުރިން އެނގިފައިވާ ކަމެއް ނޫން، އަދި އިނގިރޭސި ސަރުކާރަށް ވެސް މިކަން އެނގޭހެން ހިއެއް ނުވޭ،" ފަރާޖު ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފޯޅަވަހީގެ ރަށްތަކާ ތާރީޚީ ގޮތުންނާއި، ވިޔަފާރީގެ ގޮތުންނާއި، އަދި އާސާރީ ގޮތުންވެސް ގުޅުން އޮތީ ރާއްޖެއާއެވެ. ހަގީގަތުގައި ފަރަންސޭސިން ކުރިހާވެސް ކަމަކީ ދިވެހި ބަހުން އެ ރަށްތަކަށް ކިޔާފައިވާ ނަންތައް ބަދަލުކޮށްލުން ކަމަށް އޭނާ ވިދާޅުވިއެވެ. މޮރިޝަސްއަށް އެ ރަށްތަކުގެ މައްޗަށް ދައުވާކުރެވޭނެ އެއްވެސް ހަމައެއް ނެތްކަން ފަރާޖު ތަކުރާރުކުރެއްވިއެވެ.
އިނގިރޭސި ސަރުކާރުގެ ނިންމުމާ ގުޅިގެން ރާއްޖެއިން ކަންބޮޑުވާ ދެ ސަބަބެއް ފަރާޖު ފާހަގަކުރެއްވިއެވެ. އެއީ އެ ސަރަހައްދުގައި އޮތް ހަމަޖެހުން ގެއްލިދާނެތީ އާއި، އެ ސަރަހައްދުގައި އިންޑިއާއާއި ޗައިނާގެ ނުފޫޒު ގަދަކުރުމުގެ ކުރިމަތިލުމެއް ފެށިގެންދާނެތީއެވެ. ފޯޅަވަހީގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު ރާއްޖެއިން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފުތާ ބަންދުގައި ފަރާޖު ރާއްޖެ ވަޑައިގަތީ ޗާގޯސްއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ދަތުރެއްގައި ދިއުމަށެވެ. ނަމަވެސް އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެ ސަރަހައްދަށް ދިއުމަށް އިނގިރޭސިވިލާތުން ވަނީ ހުރަސްއަޅާފައެވެ. އެހެންނަމަވެސް، އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ފަރާޖު ރާއްޖޭގައި ހުންނެވިކަން އެނގުނީ އޭނާގެ ވީޑިއޯއަކުން ކަމަށާއި، އެ ސަރަހައްދަށް ދިއުމަށް އޭނާ އެއްވެސް ހުއްދައަކަށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ.
ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް މިދިޔަ އަހަރު މުއާހަދާއެއްގައި ސޮއިކޮށްފައިވީ ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ. ރައީސް ވިދާޅުވެފައިވަނީ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށާއި، އިޓްލޮސްގެ ނިންމުމާ ގުޅިގެން ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ރާއްޖޭގެ ސިފައިން ހިމާޔަތް ކުރާނެ ކަމަށެވެ.
އެއާއެކު ދިވެހި ސިފައިންގެ އަސްކަރީ މަނަވަރެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައި ވެސް ވެއެވެ.
ނަމަވެސް އޭގެ ފަހުން އިނގިރޭސި ސަރުކާރުން ބުނެފައިވަނީ ޗާގޯސްއަކީ އެ ގައުމާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ.