އޮއިވަރު މެންޓަލް ހެލްތް ރިސަރޗް ކޮންފަރެންސްގެ ބޭންކިންގ ޕާޓްނަރއަކަށް ބީއެމްއެލް ހަމަޖައްސައިފި
އޮއިވަރު މެންޓަލް ހެލްތް ރިސަރޗް ކޮންފަރެންސްގެ ބޭންކިންގ ޕާޓްނަރއަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގެ ދަށުން ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ބާއްވާ މި މުހިންމު ކޮންފަރެންސަށް ބޭންކުން ބޭންކިންގ ޕާޓްނަރެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
އޮއިވަރު މެންޓަލް ހެލްތް ރިސަރޗް ކޮންފަރެންސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ 16 އަދި 17 މެއި 2026 ގައެވެ. މި ކޮންފަރެންސް ކުރިއަށްދާނީ ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ. މިއީ ރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ބޭއްވޭ މުހިންމު ހަރަކާތެކެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންނާއި، ދިރާސާވެރިން އަދި މި ދާއިރާގައި މަސައްކަތްކުރާ އެކި ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ދިރާސާތަކާއި މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، މި ދާއިރާއިން މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަކީވެސް މި ބައްދަލުވުމުގެ ބޮޑު އަމާޒެކެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނި ގޮތުގައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ދަށުން، ނަފްސާނީ ދުޅަހެޔޮކަމަށް މުޖުތަމައު ހޭލުންތެރިކުރުވުމަކީ ބޭންކުން އިސްކަންދޭ ކަމެކެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން ހޯދުމަށް މަގުފަހިކޮށްދޭ އެކި ހަރަކާތްތަކަށް އެއްބާރުލުންދީ، މުޅި މުޖުތަމައުގެ ދުޅަހެޔޮކަން ކުރިއެރުވުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރާކަމަށް ވަނީ މައުލޫމާތުދީފައެވެ.