މަސްދަޅު ކޭސް ދޫކުރާނީ އަންނަ މަހުގެ ހަތަރެއްގެ ނިޔަލަށް: މިނިސްޓަރު
ސަރުކާރުންދޭ ރޯދަ ހަދިޔާގެ މަސްދަޅު ކޭސް ދޫކުރާ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތައް، ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މާލެ ސަރަޙައްދުގައި ބަހަން ފެށީ މިދިޔަ ޖަނަވަރީ މަހުގެ 24 ގައެވެ.
މާލެ ސަރަޙައްދުގައި 15 މަރުކަޒުން މަސްދަޅު ކޭސް މި މަހުގެ 11 ވަނަ ދުވަހާ ހަމަޔަށް ދޫކުރިއެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ރޯދަ ހަދިޔާގެ މަސްދަޅު ކޭސް، މާލޭ ސަރަޙައްދުގައި މިހާރު ދޫކުރަމުންދާ އެމްސީއެލްޕީގެ ޕަބްލިކް ވަރކްސްއާއި، ހުޅުމާލޭ ފޭސް 1 އާއި އަދި ފޭސް 2 ގެ މިފްކޯގެ ފިހާރައިން ރޯދަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދޫކުރަމުންދާނެ ކަމަށެވެ.
މިހާތަނަށް މާލޭ ސަރަޙައްދުގެ 54،000 އަށްވުރެ ގިނަ ގޭބިސީއަށް ވަނީ މަސްދަޅުކޭސް ދޫކޮށްފައެވެ.
މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118,673 މަސްދަޅު ކޭސް ބަހާނެއެވެ.