އޮޅިގެން މީހަކާ ހަވާލުކުރެވުނު 94000 ރުފިޔާ ވެރިފަރާތާ ހަވާލުކޮށްފި
އޮޅިގެން އެހެން މީހަކާ ހަވާލުކުރެވުނު 94،000 ރުފިޔާ ހޯދައި، އެ ފައިސާ އޭގެ ވެރިފަރާތާ ފުލުހުން ހަވާލުކޮށްފިއެވެ.
މި ފައިސާއަކީ މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ޓީޖެޓީގައި އޮތް ބޯޓެއްގެ ކެޕްޓަނާ ހަވާލުކުރި ސިޓީ އުރައެއްގައި ހުރި ފައިސާތަކެކެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، 94،000 ރުފިޔާ ހުރި ސިޓީ އުރައެއް ލިބެންވާ ފަރާތަށް ނުލިބި ގެއްލިފައިވާ މައްސަލަ މާފަންނު ޕޮލިހަށް ހުށަހަޅާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުތައް ބަލައި ތަހުގީގު ފަށާފައެވެ. ނަމަވެސް ފުޓޭޖުން ބޯޓު ދެނެގަނެވިފައި ނުވާތީ، ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެކި މީހުންނާ ސުވާލުކޮށް މައުލޫމާތު އެއްކޮށްފައެވެ.
ފުލުހުން ކުރި މަސައްކަތުން އެ ބޯޓު ދެނެގަނެވި، ބޯޓުގެ ކެޕްޓަނާ ގުޅުނުއިރު ބޯޓު އޮތީ ވ. އަތޮޅުގައެވެ. ކެޕްޓަން ފުލުހުންނަށް މައުލޫމާތު ދިން ގޮތުގައި، މީހަކު ގެނެސްދިން ސިޓީ އުރައެއް ބޯޓުގެ ލޮކަރުގައި އޮތެވެ. އެ ފައިސާތައް ފެބުރުވަރީ 23 ވަނަ ދުވަހުގެ ރޭ ކެޕްޓަން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ފައިސާއަކީ ދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓެއްގެ މުވައްޒަފުންގެ މުސާރައެވެ. އަދި މި ފައިސާ އޮޅިގެން ހަވާލުކުރެވިފައިވަނީ، ފައިސާ ހަވާލުކުރަންޖެހޭ ބޯޓުގެ ކެޕްޓަން ނޫން އެހެން ބޯޓެއްގެ ކެޕްޓަނަކާކަން ވެސް ފުލުހުންގެ ތަހުގީގުން ވަނީ ކަށަވަރުވެފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ނަގުދު ފައިސާ ގެންގުޅުމުގައާއި މީހުންނާ ހަވާލުކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. "ފައިސާ ހަވާލުކުރާއިރު، ހަވާލު ކުރާ ފަރާތަކީ ކާކުކަން ޔަގީންކުރުމާއި، ބޯޓުގެ ނަމާއި ގުޅޭނެ މައުލޫމާތު ކަށަވަރުކުރުމުގެ އިތުރުން، ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް ނުވަތަ ޑިޖިޓަލް ކަށަވަރުކުރުމެއް ހޯދުމަކީ މިފަދަ ކަންކަން މަދުކުރުމަށް ކުރެވިދާނެ ކަމެއް." ފުލުހުން ވިދާޅުވިއެވެ.
މިފަދަ މައުލޫމާތު އެއްކުރުމަށް ސަމާލުކަން ދިނުމަކީ މާލީ ބޮޑެތި ގެއްލުންތަކުން ސަލާމަތްވެ، މިފަދަ ހާލަތެއް މެދުވެރިވިޔަ ނުދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ފުލުހުން ފާހަގަކުރެއްވިއެވެ.