މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވެ 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
އިއްޔެ 75 އަހަރަށް ޖަލަށް ލުމަށާއި 3 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައި ވަނީ ޏ. ފުވައްމުލައް / ދޫޑިގަން. ގަސްދޮށުގެ، ޢަބްދުލްބާސިޠު (28އ) ގެ މައްޗަށެވެ.
ފުލުހުން ބުނީ ޢަބްދުލްބާސިޠު ހައްޔަރުކޮށްފައިވަނީ ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ނެޓްވޯކްތަކާ ދެކޮޅަށް 2024 ވަނަ އަހަރު ފުލުހުން ފަށާފައިވާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ކަމަށާއި 2024 އޭޕްރީލް 27 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 11 ވަނަ ދުވަހުއެވެ.
"މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވޭ." ފުލުހުން ބުނެފައި ވެއެވެ.
އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން ބުނީ ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާއިން މަނީލޯންޑަރކުރާ ކަމުގެ ތުހުމަތުކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އެގޮތުން، ޢަބްދުލްބާސިޠުގެ ނަމުގައި ބެންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިންމިލިއަނަށް ވުރެން ގިނަ ރުފިޔާއާއި ނަވާރަހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްކޮށްފައިވާކަމަށް ފުލުހުން ހާމަކުރެެއެވެ.
މީގެ އިތުރުން މި ފައިސާގެ މުއާމަލާތްތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.