Advertisement

ރަމަޟާން މަހަކީ އުފަލުގެ މަހަކަށްވަނީ ދުނިޔެއާއި އާޚިރަތުގައި ލިބޭ ނިޢުމަތްތަކުގެ ސަބަބުން: ރައީސް މައުމޫން

25 Feb 2026 | 09:50
ރަމަޟާން1447 މައުމޫން ފައުންޑޭޝަންގެ އިހްޔާ ޕްރޮގްރާމުގެ ފުރަތަމަ ޖަލްސާގައި ރައީސް މައުމޫން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: މައުމޫން ފައުންޑޭޝަން

ރަމަޟާން މަހަކީ އުފަލުގެ މަހަކަށްވަނީ ރޯދަވެރިޔާއަށް ދުނިޔެއާއި އާޚިރަތުގައި ލިބޭ ނިޢުމަތްތަކުގެ ސަބަބުން ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވީ، މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޯދަމަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ އިހްޔާ ޕްރޮގްރާމުގެ މި ރަމަޟާން މަހުގެ ފުރަތަމަ އިހްޔާ ޖަލްސާގައިވާ ވާހަކަ ދައްކަވަމުންނެވެ.

Advertisement

އެ ޕްރޮގްރާމުގެ ފުރަތަމަ ޖަލްސާގައި ރައީސް މައުމޫނުގެ ވާހަކަފުޅު ބިނާކުރެއްވީ، “ރަމަޟާން މަހަކީ އަޅުކަމާއި ބާއްޖަވެރިކަމުގެ މަސް” މި މަޢުޟޫޢުއަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ބަރަކާތްތެރި މަސް ބާއްޖަވެރި ވަނީ އިތުރަށް ތަޤުވާވެރިވުމަށް މަގުފަހިކޮށްދޭ މަހަކަށްވުމުން ކަމަށެވެ.

އަދި އެހެން މަސްތަކާއި ރަމަޟާން ތަފާތުވާ ސަބަބަކީ މި މަހުގެ ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: މައުމޫން ފައުންޑޭޝަން 

ރަސޫލާގެ ހަދީސްފުޅެއްގެ އަލީގައި އެކަން ތަފްޞީލުކޮށްދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ރޯދަވެރިޔާއަށް ދެ އުފަލެއްވާ ކަމަށެވެ.

އެއީ ރޯދަ ވީއްލާ ވަގުތު އޭނާއަށް އިހުސާސް ކުރެވޭ އުފަލާއި ﷲ ހަޟުރަތަށް ދާ ހިނދު ރޯދަވެރިޔާއަށް ލިބޭ އުފާކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"މި މަހަކީ ބާއްޖަވެރިކަމުގެ މަހެއް. އިސްލާމް ދީނަކީ އުފަލުގެ ދީނެއް. އުފާކުރަން ދަސްކޮށް ދީނެއް. އުފާކުރަން ނަސޭހަތްތެރިވާ ދީނެއް. ﷲގެ ކުޅަދުންވަންތަކަމާއި އޯގާވަންތަކަން އިހުސާސް ވާނީ އުފަލުގައި އުޅެގެން. އަޅުގަނޑު ދަންނަވާނީ، އުފާވެރިކަމަކީ އަޅުކަމެއް ފަދަ ކަމެއް." ރައީސް މައުމޫން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މައުމޫން ވަނީ ރަމަޟާން މަހު މުސްލިމުން ކުރަނީ ރޫޙާނީ ދަތުރެއް ކަމަށާއި އެމަހުގެ ތެރޭގައި ހެޔޮޢަމަލުތައް ކުރުމުގައި މުސްލިމުން އުޚުއްވަތްތެރިކަން އިސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ އިޙްޔާ ޖަލްސާތަކުން އުޚުއްވަތްތެރިކަމާއި ހަމަޖެހުމާއި ލޯބި އިތުރުކުރެވޭތޯ މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް