ދެ ބަޔަކު އަލުން ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި
އެޕްރީލް 4 ގައި ބާއްވަން ހަމަޖެހިފައިވާ އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ދެ ބަޔަކު އަލުން ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ.
ވޯޓުލާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކުގެ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓު އަދި އީސީގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.
މިގޮތުން އެ ފަރާތްތައް އެ މުއްދަތުގެ ތެރޭގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ބަދަލު ނުކޮށްފިނަމަ ވޯޓު ލެވޭނީ މިހާރު ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ތަނުގައި ކަމަށްވެސް އީސީން ބުނެފައި ވެއެވެ.
މީގެ އިތުރުން ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ކަނޑައެޅިފައިވާ ޢަދަދަށް ވުރެން މަދުން ރަޖިސްޓަރީކޮށްފައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އީސީން ވަނީ އެ ދެބައި މީހުންވެސް 2026 ފެބުރުވަރީ 24 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 08:00 އިން ފެށިގެން 2026 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ.